ދިވެހި ބަހުގެ އެކަޑެމީ ހިންގުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ވަހީދު (އޮގަރު ވަހީދު)އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ ދިވެހި ބަހުގެ އެކަޑެމީގެ ހިންގުން އޮގަރު ވަހީދާ ހަވާލުކުރީ ދިވެހި ބަހުގެ އެކަޑެމީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. މިދިޔަ މަހުގެ 26 އިން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބަލަހައްޓާނީ އޮގަރު ވަހީދު ކަމަށް މެމޯގައިވެއެވެ.
"ދިވެހި ބަހުގެ އެކަޑަމީގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން 26 ނޮވެމްބަރުން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބަލަހައްޓަވަނީ މި ވުޒާރާގެ މިނިސްޓާ އޮގް ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ނައިބް އަލްފާޟިލް އިބްރާހިމް ވަހީދުގެ ލަފާގެ ދަށުން ކަމުގައި ހުރިހާ މުވައްޒަފުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" މެމޯގައިވެއެވެ.
ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ޑރ. އަޝްރަފު އަބްދުއްރަހީމްއެވެ. އެކަމަކު، އެ އެކަޑެމީ ހިންގުން އޮގަރު ވަހީދާ ހަވާލު ކުރި ސަބަބެއް ސާފެއް ނޫނެވެ.
ކޮމެންޓު ފޮނުވާ