ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންދާ ބިމުގައި 250 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ހާމަކޮށްފިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވިގޮތުގައި ހުޅުމާލޭގައި އަޅާ މި އައު ހޮސްޕިޓަލަކީ މިހާރު ހުރި ހޮސްޕިޓަލާ ގުޅާލެވޭ ގޮތަށް އަޅާ ހޮސްޕިޓަލެކެވެ. އޭނާ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ކަމުގައެވެ.
ހަލީމު އިތުރަށް ވިދާޅުވޮ ގޮތުގައި ހަތަރު އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސް މި އަހަރު ބޭނުންކުރަން ފެށުމަށް މަސައްކަތް ކުރަމުންދާއިރު، އައިޖީއެމްއެޗް ޕާކިން އޭރިއާގެ ހުސްބިމުގައި 25 ބުރީގެ ކެންސަރު ހޮސްޕިޓަލެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.