ރާއްޖެއާއި ސަޢުދީގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަޙުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް: ރައީސް

ރާއްޖެއާއި ސަޢުދީގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަޙުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް: ރައީސް

Author
ހުސައިން
23 ސެޕްޓެމްބަރ 2024 01:10
0

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަޙުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

މި މެސެޖު ފޮނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދު އާއި ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަށާއި އެ ޤައުމުގެ ރައްޔިތުންނަށެވެ. ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.

ސަޢުދީގެ ޤައުމީ ދުވަސް ފާހަގަކުރުމަށް އިއްޔެ ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބޭއްވުނު ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވަނީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް މެދުވެރިކޮށް ރާއްޖެއަށް ލިބެމުންދާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި ދެ ޤައުމުގެ ގުޅުންތައް ބަދަހިކުރުމަށް ސަޢުދީ ސަފީރު މަޠްރިކް ޢަބްދުލް އަޖަލައިން އަލްދޮސާރީ އާއި ސަޢުދީ އެމްބަސީގެ ޓީމުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ނައިބު ރައީސް ޝުކުރު އަދާކުރައްވާފައިވެއެވެ. ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1981 ވަނަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.