މަސްކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ބްރެޒިލްގައި މަނާކޮށްފި

މަސްކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ބްރެޒިލްގައި މަނާކޮށްފި

ކުރިން ޓްވިޓަރ ގެ ނަމުގައި އޮތް އެކްސް، ބްރެޒިލްގައި ޤާނޫނީ ގޮތުން ތަމްސީލުކުރާ ފަރާތެއް އައްޔަން ކުރުމަށް، އެގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ދީފައިވާ މުއްދަތު ހަމަވުމުން އެ ޤައުމުގައި މަނާކުރެވިއްޖެއެވެ.

އަލެކްސާންދްރޭ ޑި މޮރާއީސް ވަނީ އެކްސް ސޯޝަލް މީޑިއާ ޕްލެޓްފޯމް "ވަގުތުން އަދި މުޅިން" ހުއްޓާލުމަށް އަމުރުކޮށްފައެވެ. މިގޮތަށް ޢަމަލުކުރަން ޖެހޭނީ ކޯޓުގެ އެންމެހައި އަމުރުތަކަށް ތަބާވެ، ކުރިން ކަނޑައެޅި ޖޫރިމަނާތައް ދެއްކުމާ ހަމައަށެވެ.

މި ޚިލާފު ފެށުނީ އޭޕްރީލް މަހުގައެވެ. އޭރު ފަނޑިޔާރު އަމުރުކުރީ ދޮގު މަޢުލޫމާތު ފެތުރުމުގެ ތުހުމަތުގައި އެކްސްގެ ގިނަ އަދަދެއްގެ އެކައުންޓް ހުއްޓުވާލުމަށެވެ.

މި ނިންމުމާ ގުޅިގެން އެކްސްގެ ވެރިފަރާތް އީލޮން މަސްކް ބުނެފައިވަނީ: "ވާހަކަ ދެއްކުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ ބިންގަލެވެ. އަދި ބްރެޒިލްގެ އިންތިޚާބުނުކުރެވޭ ދޮގު ފަނޑިޔާރެއް ދަނީ ސިޔާސީ ބޭނުންތަކަށްޓަކައި އެ މިނިވަންކަން ނިގުޅައިގަންނަމުންނެވެ."

މިއީ މަސްކް އާއި ބައެއް ގައުމުތަކާ އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އެންމެ ފަހުން އުފެދުނު މައްސަލައެވެ. އޭނާ އެކްސް ރެގިއުލޭޓްކުރުމާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަނާ ދެބަސްވެފައިވެއެވެ. އަދި މި މަހުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކީރ ސްޓާމަރާ ދެމެދު މަސްކުއާއި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ.

ރޮއިޓަރސް ނިއުސް އޭޖެންސީން ބްރެޒިލްގެ ޓެލެކޮމިއުނިކޭޝަންސް އޭޖެންސީގެ ވެރިޔާ އާއި ހަވާލާދީ ރިޕޯޓު ކޮށްފައިވަނީ އޭނާ "ކޯޓު އަމުރާ އެއްގޮތަށް ޢަމަލުކުރަމުން" ދާކަމަށެވެ.

ބްރެޒިލްގައި މި ޕްލެޓްފޯމް ލިބެން ނުހުންނާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައެވެ.

ޖަސްޓިސް މޮރާއީސް ވަނީ އެޕަލް އަދި ގޫގުލް ފަދަ ކުންފުނިތަކަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މުއްދަތުގައި އެކްސް އެޕް ސްޓޯތަކުން ނަގައި، އައިއޯއެސް އަދި އެންޑްރޮއިޑް ސިސްޓަމްތަކުގައި ބޭނުންކުރުން ހުއްޓުވަން ޖެހޭނެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ، މީހުން ނުވަތަ ވިޔަފާރިތަކުން ވީޕީއެން (ވާޗުއަލް ޕްރައިވެޓް ނެޓްވޯކް) ފަދަ ވަސީލަތްތައް ބޭނުންކޮށްގެން މި ޕްލެޓްފޯމަށް ވަދެއްޖެނަމަ، 6،700 ޕައުންޑް އިން ޖޫރިމަނާކުރެވޭނެ ކަމަށެވެ.

ފަނޑިޔާރުގެ އަމުރުގައިވާ ގޮތުން، ބަންދުކުރުން ދެމިއޮންނާނީ އެކްސްއިން އެ ޤައުމުގައި، ގާނޫނީ ގޮތުން ޒިންމާވާނެ ފަރާތެއް ޢައްޔަންކޮށް، ބްރެޒިލްގެ ޤާނޫނު ނެގެހެއްޓުމުގައި ކުރެވުނު ޖޫރިމަނާތައް ދައްކަންދެނެވެ.

ކުރިން ރަސްމީ އެކައުންޓަކުން ކުރި ޕޯސްޓެއްގައި އެކްސް ބުނެފައިވަނީ އެ ޑިމާންޑްތަކަށް އެއްބަހެއް ނުވާނެ ކަމަށެވެ.

"އަވަހަށް، ފަނޑިޔާރު އަލެކްސާންދްރޭ ޑި މޮރާއީސް ބްރެޒިލްގައި އެކްސް ބަންދުކުރަން އަމުރުކުރާނެކަމަށް އަޅުގަނޑުމެން ލަފާކުރަން – އެއީ ސިޔާސީ ވިސްނުމުގައި، ސެންސަރުކުރުމަށް ކުރި ޣައިރު ޤާނޫނީ އަމުރުތަކަށް އެއްބަސްނުވާތީއެވެ،" އެ ޕޯސްޓުގައި ބުނެފައިވެއެވެ.

"މިތާނގައި އުފެދިފައިވާ އަސާސީ މައްސަލައަކީ ފަނޑިޔާރު ޑި މޮރާއީސް އަޅުގަނޑުމެން ލައްވާ ބްރެޒިލްގެ ޤާނޫނުތަކާ ޚިލާފުވާން އެދޭކަމެވެ. އަޅުގަނޑުމެން ހަމަ ކަނޑައެޅިގެން އެކަން ނުކުރާނަމެވެ."

ޖަސްޓިސް މޮރާއީސް އަމުރުކުރެއްވީ ދޮގު މަޢުލޫމާތު ފެތުރުމުގެ ތުހުމަތު ކުރެވިފައިވާ އެކްސް އެކައުންޓްތައް – އޭގެ ތެރެއިން ގިނައީ ކުރީގެ ކަނައަތު ފިކުރުގެ ރައީސް ޖައިރ ބޮލްސޮނާރޯގެ ތާއީދުކުރާ މީހުންގެ – ތަޙްޤީޤުކުރެވެމުންދާ ވަގުތު ބްލޮކްކުރުމަށެވެ.

ބްރެޒިލްގައިވަނީ، މަސްކްގެ ސެޓެލައިޓް އިންޓަނެޓް ކުންފުނި ސްޓާރލިންކްގެ ބޭންކް އެކައުންޓްތައްވެސް ބަންދުކުރެވިފައިވެއެވެ. މިއީ އެ ޤައުމުގެ ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރަކާ ގުޅިގެންނެވެ.

ސްޓާރލިންކް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "މި އަމުރު ބިނާވެފައިވަނީ ސްޓާރލިންކް އެކްސްއަށް – ޤާނޫނު އަސާސީއާ ޚިލާފަށް – ކަނޑައަޅާފައިވާ ޖޫރިމަނާއަށް ޒިންމާވާންޖެހޭނެ ކަމުގެ އަސާސެއް ނެތް ނިންމުމެއްގެ މައްޗަށެވެ."

މަސްކް ވެސް އެކްސްގައި ވިދާޅުވެފައިވަނީ ސްޕޭސްއެކްސް އާއި އެކްސް އަކީ މުޅިން ތަފާތު ދެ ކުންފުންނި ކަމުގައެވެ. އަދި ހިއްސާދާރުން ވެސް މުޅިން ތަފާތު ކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *