އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ކާނިވާ ސަރަހައްދުގައި އަންނަ ހޮނިހިރު ދުވަހު "ވިސްނާ" ގެ ނަމުގައި ޖަލްސާއެއް ބާއްވަން ކަމާ ބެހޭ އިދާރާތަކުން އެ ކޯލިޝަނަށް ހުއްދަ ދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސަ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިހަފްތާގެ ތެރޭގައެވެ. ޖަލްސާއާއި ގުޅޭގޮތުން ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންވަނީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މައުލޫމާތުވެސް ސާފުކޮށްފައެވެ. މިބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މިޖަލްސާއަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު ދެއްވާކަމަށެވެ. މިޖަލްސާގެ އެންމެބޮޑު މަޤްސަދަކީ ރައްޔިތުންގެ ގެއްލެމުންދާ ހައްގުތައް ހޯދުމަށް އަޑު އުފުލުމާއި، ސަރުކާރުން ކުރަމުންދާ ނޭއްގާނީ ކަންކަން ރައްޔިތުންނަށް ހާމަކުރުންކަމަށެވެ.
އަދި މިއީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއިމެދު ސަރުކާރުން ކުރަމުންދާ އެކި އެކި ކަންކަން ހާމަކޮށް ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމަށް ބާއްވާ ޖަލްސާއެއްކަމަށެވެ. މިޖަލްސާގައި އިދިކޮޅު ކޯލިޝަންގެ އިސްސަފުގައި ހަރަކާތްތެރިވާ ހުރިވާ ބޭފުޅުންނައި، މާލޭގެ އެކި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ޝުޖާ ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ހަފްލާތަކާއި، ޖަލްސާތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ މިހާރު ދީފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މިފަދަ ހަރަކާތްތައް ހިންގުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ. އިދިކޮޅު ފަރާތްތަކުން މީގެ ކުރިންވެސް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތްކުރި ޖަލްސާއެއް ފުލުހުންވަނީ ހުއްޓުވައި އެސަރަހައްދުގައި ޖަލްސާ ނުބޭއްވޭނެކަމަށް އަންގާފައެވެ. ނަމަވެސް މިހާރު އެޗްޕީއޭއިން އަންގާފައިވާ އެންގުމާއި އެއްގޮތަށް މާލޭގައި ބާއްވާ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅައިގެ ނުވާނެކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ