ސީލައިފުން 12 މިލިޔަން ޑޮލަރު ހޯދަން ކުރި ދައުވާ ނާކާމިޔާބު

ސީލައިފުން 12 މިލިޔަން ޑޮލަރު ހޯދަން ކުރި ދައުވާ ނާކާމިޔާބު

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 09:28
0

ސީލައިފާ އެކު ދައުލަތުންވެފައި އޮތް އެއްބަސްވުމެއް ބާތިލްކުރުމުން ބަދަަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު ހޯދަން އެ ކުންފުނިން ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏާ ދެކޮޅަށް ނިންމައިފިއެވެ.

ޙުކުމްކޮށްފައިވަނީ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ދައުލަތުގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ދެމެދު 2018ވަނަ އަހަރު ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިވެހި ދައުލަތުން ދައްކަންޖެހޭ 12,000,000.00(ބާރަ މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށް ދިވެހި ދައުލަތުގެ މައްޗަށް ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރި ދައުވާގެ ޝަރީޢަތް ނިންމައި އެކޯޓުން އިއްޔެ ކުރި ޙުކުމްގައެވެ.

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހައުސިންގ މިނިސްޓްރީއާ އާދެމެދު 26 ފެބްރުއަރީ 2018 ގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓްގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު އެކަން ބެލުމަށްފަހު ނިންމަންދެން ސެޓްލްމަންޓް އެގްރީމެންޓް ބާޠިލުކޮށްފައިވާކަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 2018 ވަނަ އަހަރުގެ މާޗްމަހުގެ އެއްވަނަ ދުވަހު އަންގާފައިވާކަން ވަނީ ޙުކުމްގައި ފާހަގަކުރައްވާފައެވެ.

މައްސަލަ ބެލުމުގައި ސިވިލް ކޯޓަށް ފާހަގަކުރެވުނު ކަންތައްތަކުގެ ގޮތުގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ އެއް ކަމަކީ ސީ ލައިފުން ހަރަދުކުރި ކަމަށް ބުނާ ފައިސާގެ އަދަދަކީ ރަނގަޅު އަދަދެއް ނޫން ކަމަށް އެސެޓް ރިކަވަރީން ނިންމާފައިވާ ނިންމުމެވެ. ސީ ލައިފުން އެގޮތަށް ކަންތައް ކޮށްފައި އޮތް އޮތުމަކީ އެއްބަސްވުން އޭގެ ޒާތުގައި ބާތިލުވާނެ ކަމެއް ކަމަށް ހައިކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ ސިިވިލް ކޯޓުގެ ރިޕޯޓްގައި ބުންޏެވެ. ހައިކޯޓުން 2016 ވަނަ އަހަރު ނިންމި ނިންމުމެއްގައި ބުނެފައި ވަނީ ހަގީގަތް އޮޅޭ ފަދަ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ވެފައިވާ އެއްބަސްވުމަކީ ހަގީގަތް އޮޅުނު ފަރާތުގެ ނިސްބަތުގައި ބާތިލުކުރެވިދާނެ އެއްބަސްވުމެއް ކަމަށެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. ނަމަވެސް ކުރީގެ ސަރުކާރުން 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.

ސީ ލައިފަށް ފައިސާ ދައްކައި ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓަށް ހުށަހެޅި މައްސަލާގައި މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ހައްލެއް ހޯދައިދީފަ އެވެ. އެއީ، ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން، އެ މީހުންނަށް އެޗްޑީސީން ބަދަލު ދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.