ޒިނޭ ސާބިތު ކުރުމަށް ޤަރީނާއެއްގެ ސަބަބެއް ނެތްކަމުގައި ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ ރައީށް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، ބައެއް އާންމުންގެ މެދުގައި ޚިޔާލް ތަފާތުވެފައިވާ މިމައްސަލާގައި ރައީސްމައުމޫން ވިދާޅުވީ ކަމެއް ދެނެގަނެވޭނެގޮތް ޝަރުޢުގައި އަންގަވާފައި އޮތުމަމަކީ އެނޫންގޮތްގޮތުން އެކަން ދެނެގަތުން މަނާކުރާކަމެއްނޫން ކަމަށެވެ. އިރުހިނގާގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެގޮތް ސުންނަތުން އެނގެން އޮތްނަމަވެސް މިހާރު ނަމާދު ވަގުތުބަލަނީ ފަލަކީ ހިސާބުން ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުގައިވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް. ފިންގަރޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ޤަރީނާގެގޮތުގައި ޝަރީޢަތުން ބަލައިގަނޭ.
– ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ މިވާހަތަކާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ ޤަރީނާއަކަށް ވުމަކީ ހެއްކާއި ހަމައަށް ވާސިލް ވާކަމެއް ނޫންކަމަށެވެ. ޤަރީނާއަކީ ހެކި ތަކާއި ހަމައަށް ވާސިލްވުމަށް އެޅޭ ފިޔަވަޅެއްކަމަށެވެ. އަދި ޑީއެންއޭއަށް ބަލާ ދަރި ސާބިތުކުރުމަށް އަދި ނަފީ ކުރުމެއްވެސް ނެތްކަމަށެވެ.
Ziney kuri firihen meeha eyna ge dhari eh kamah ebbas vejje haalathugai DNA hadhaafai dhimaavejje nama eyna ah dhari nisbaiy kurevidhaane tho nuvatha noon tho, miee ilmuverin ge medhu gai bahus kurevey massala eh. Namaves efadha iuthiraafeh nethi DNA ah baroasa vumeh neiy.
— Dr.Mohamed Iyaz (@dr_iyaz) December 23, 2020
ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމަށް ތާއީދު ކުރައްވައި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކައިވެނިން ބޭރުން ލިބޭ ދަރިއެއްގެ ޑީއެންއޭ އަކީ ޒިނޭކުރިކަން ސާބިތުކުރުމަށް އޮތް ޤަޠުޢީ ޙުއްޖަތެއްނޫންކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ އިސްލާމީ ޝަރީޢަތުގެ އަޞްލުތަކުގެ މަތިން ބަލާއިރު ހަރުދަނާ ޤަޟާޢީ ނިންމުމެއްކަމުގައި ދެކޭކަމުގައެވެ.
ޝަރުޢީ ނަސަބުގެ ޙައްސާސްކަންބޮޑުކަމުން އެއާ ގުޅުންހުރި ކަންކަމުގައި ޑީއެންއޭ ބޭނުންކުރުމާމެދު ރައްކާތެރިވާންޖެހޭނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ނަސަބުގެ ކަންކަމުގެ މައްޗަށް ތަރިކައާއި ކައިވެންޏާ ވަރަށް ގިނަކަންކަން ތަރައްތުބުވެފައިވާއިރު، ޑީއެންއޭގެ މައްޗަށް ވަޙީގެ ޤަޠުޢީ ޙުކުމްތައް އިސްކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަރުޢީ މަގުން ސާބިތުވެފައިވާ ނަސަބެއް އިތުރަށް ކަށަވަރު ކުރުމަށާއި ނަފީކުރުމަށް ޑީއެންއޭ ބޭނުންކުރުމަކީ ހުއްދަކަމެއްނޫން. ލިޢާން ކުރުމުގައި ޑީއެންއޭ ބޭނުންކުރުމަކީ ލިޢާންގެ ޝަރުޢީ ޙިކުމަތާއި މަޞްލަޙަތުތަކާ ފުށުއަރާކަމެއް. ލިޢާންގެ ޙިކުމަތަކީ ދެ ފަރާތުގެ އަބުރު ޙިމާޔަތްކުރުން. ޑީއެންއޭއަކީ އޭގެ ޒާތުގައި ޞައްޙަކަންބޮޑު ޤަރީނާއަކަށް ވިޔަސް ނުފޫޒުން/އިންސާނުން ހަދާ ގޯހަކުން/އިހުމާލަކުން/ ލެބޯޓްރީގެ ފެންވަރުން އޭގެ ނަތީޖާއަށް އަސަރުކޮށްފާނެ އެއްޗެއް ކަމުގެ އިޙުތިމާލު އޮތުމުން ޙައްދުޤާއިމްކުރުން ފަދަ ކަންކަމުގައި ޑީއެންއޭއަކީ ޤަޠުޢީ ޙުއްޖަތެއްނޫން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ ޝަރީޢަތަކީ ޢިލްމާ ތަޢާރުޟްވާ ޝަރީޢަތެއްނޫން، ނަމަވެސް އިސްލާމީ ޝަރީޢަތުގައިވާ ޤަޠުޢީ ޙުކުމްތަކަކީ ވަޙީގެ މައްޗަށް ބިނާވެފައިވާ ޙުކުމްތަކެއްކަމުން ޤަޠުޢީ ޙުކުމްތައް އިސްލާމީ ޤަޟާޢީ ނިޒާމުން ދަމަހައްޓަންޖެހޭނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި ވަޙީގެ މައްޗަށް އެހެން އެއްޗެއް އިސްވެގެން ނުވޭނެ ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ ފިޤުހީ އިޖުތިހާދު ކުރުން ޖާއިޒުކަންކަމާއި ޖާއިޒު ނޫންކަން ހުންނަ އިރު، ޤަޠުޢީ ޙުކުމްތަކާއި ޝަރުޢީ ޤަވާޢިދުތަކަށް ބެލުމެއްނެތި ނަސަބާއި ގުޅުން ހުރި ކަންކަމުގެ ތެރެއަށް ޑީއެންއޭ ވައްދައިފި ނަމަ، ޝައްކާ ވަހުމް ގިނަވެ އެތައް ބައެއްގެ އަބުރާއި ކަރާތު ހިގައިދާނެ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ