ކޯވިޑުގެ މުޅިންއާ ވައްތަރެއް ފެނުމުން އަވަސް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައިފި

ކޯވިޑުގެ މުޅިންއާ ވައްތަރެއް ފެނުމުން އަވަސް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 09:52
0

އިނގިރޭސި ވިލާތުން ކޯވިޑްގެ މުޅިން އާ ވައްތަރެއް ފެނުމުން، އެކަމުގައި ރާއްޖެއިން ރައްކާތެރިވުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފިއެެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޯވިޑުގެ މުޅިން އާ ވައްތަރެއް އިނގިރޭސިވިލާތުން ފެނި އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު ދުނިޔޭގެ އެކި ޤައުމުތަކުން އަޅަމުންދާކަމަށެވެ. އެކި ޤައުމުތަކުން އެޤައުމަށް ދަތުރުކުރުމާއި، އެޤައުމުން އެހެން ޤައުމުތަކަށް ދަތުރުކުރުން ހުއްޓާލަމުންދާއިރު މިކަމުގައި ދިވެހި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮވިޑް-19ގެ މުޅިން އައު ވައްތަރެއް އިނގިރޭސި ވިލާތުން ފެނުމުން ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުންވަނީ އެ ގައުމަށް ދަތުރުކުރުމާއި އަދި އިނގިރޭސި ވިލާތުން އެ ގައުމުތަކަށް ދަތުރުކުރުން ހުއްޓަލާފަ.ރާއްޖެއިން ވެސް މިކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލަން.
– އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޯވިޑްގެ މުޅިން އާ ވައްތަރެއް އިނގިރޭސި ވިލާތުން ފެނުމާއި ގުޅިގެން ކޮންމެހެން މަޖުބޫރު ހާލަތެއްގައި މެނުވީ، ޔޫރަޕްގެ 27 ގައުމުންވެސް، އިގިރޭސިވިލާތައް މިވަގުތު ދަތުރުކުރުން މަޑު ޖައްސާލުމަށް، މެމްބަރު ހުރިހާ ގައުމަކަށް ޔޫރަޕިއަން ޔޫނިއަންއިންވެސް ވަނީ ގޮވާލާފައެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް19ގެ މި ސްޓްރެއިން ފެތުރެން ފެށުމާ ގުޅިގެން، ޔޫރަޕްގެ އެކި ގައުމުތަކުން އެކި މިންވަރަށް ވަނީ، އެގައުމުތަކުން ޔޫކޭއަށް ދަތުރުކުރުން ހުއްޓުވާފައެވެ. އެހެންނަމަވެސް، ޔޫރަޕިއަން ޔޫނިއަންއިން، ބުނެފައިވަނީ، ޔޫރަޕްގެ 27 ގައުމު ގުޅިގެން، އިގިރޭސި ވިލާތަށް ދަތުރުކުރުން ހުއްޓާލުމަށް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމުގައެވެ.

ވައިރަހުގެ އާ ސްޓްރެއިންއަކީ، އަސްލު ވައިރަސް، އެއްފަހަރަށް ނުވަތަ އެއަށްވުރެ ގިނަ ފަހަރަށް މިއުޓޭޓް ވެގެން ގޮސް، ވައިރަހުގެ އަސްލު ޑީއެންއޭ އެތުރިފައި އިންނަ ގޮތަށް ބަދަލު އައިސް، ނަތީޖާއެއްގެ ގޮތުން ވައިރަސް ފެތުރޭ ގޮތަށްވެސް ބަދަލުތަކެއް އައިސް، އަސްލު ވައިރަހުން ނަކަލުވެގެންދާ، ވައިރަހުގެ އާވައްތަރަކަށް ކިޔާ ނަމެކެވެ. ވައިރަސް މިއުޓޭޓް ވުމަކީ ވައިރަހުގެ ޑީއެންއޭ އެތުރިފައި އިންނަ ތަރުތީތަބަށް ބަދަލު އައުމެވެ.

އިގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ވިދާޅުވެފައިވަނީ، ކޯވިޑް19 ޖައްސާ އިތުރު ސްޓްރެއިންގެ މިވައިރަސް ފެތުރެމުންދާ ކަމަށް މިހާތަނަށް ފާހަގަ ކުރެވިފައިވަނީ، އެގައުމުގެ އިރު ދެކުނު ސަރަހައްދުގައެވެ. އަދި މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި މި ސްޓްރެއިންގެ ކޮރޯނާ ވައިރަސް، އެންމެ ފުރަތަމަ ފެނުނު ނަކަލަށްވުރެ މާބާރަށް ފެތުރެމުން ދެއެވެ. އެހެން ނަމަވެސް، މި ނަކަލުން ޖައްސާ ބަލީގެ އަލާމާތްތައް މިހާތަނަށް ފެތުރެމުންދިޔަ ބައްޔަށް ވުރެ ބާރުދައްކަމަށް ފާޙަގަ ކުރެވިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.