ތިނަދުއާ ޓުޓިކޮރިންއާއި ދެމެދު ކާގޯގެ ޚިދުމަތް ފަށައިފި

ތިނަދުއާ ޓުޓިކޮރިންއާއި ދެމެދު ކާގޯގެ ޚިދުމަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 08:02
0

އިންޑިއާގެ ޓުޓިކޮރިން އާއި ގދ. ތިނަދުއާ ދެމެދު ކާގޯގެ ޚިދުމަތް ފަށައިފިއެވެ.

އިންޑިއާގެ ޓުޓިކޮރިން އިން މުދާ ހިފައިގެން އައި ފުރަތަމަ ކާގޯ ބޯޓު “އެމް.ވީ. ބޮންތި 2″ އެވެ. ތިނަދުއަށް ޑައިރެކްޓް ޝިޕިންގެ ޚިދުމަތް ފެށުމަށްޓަކައި ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާ ވިދާޅުވީ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ކޮޗިން ކާގޯ ފެރީގެ ޙިދުމަތް ކުޅުދުއްފުއްޓަށް ފެށި، އަދި އައްޑޫ އާއި ތިނަދޫއާ ދެމެދު ސޫތުކުޅިން ސީދާ މުދާ ގެންނަން ފެށިގެން ގޮސްފައިވާ ކަމަށެވެ.އަދި އެމްއެސްއެސްގެ ކާގޯ ދަތުރުތަކާއެކު ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ ޤައުމުގެ އިޤްތިސާދަށް ގިނަ ކުރިއެރުންތައް އަންނާނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިއީ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް އަތްފޯރާ ފަށެއްގައި މުދަލާއި ކާބޯތަކެތި އެތެރެކުރުމަށް ދެކުނާއި އުތުރުގައި ހުޅުވިގެންދިޔަ މައި ދޮރާއްޓެއް ކަމުގައިވެގެންދާނެ.

– މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ހުވަދު އަތޮޅާއި ޓުޓިކޮރިންއާ ދެމެދު ކާގޯގެ ޚިދުމަތް ފެށުމަކީ މުޅި އެއަތޮޅަށްވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ހުވަދު އަތޮޅަކީ ވިޔަފާރީގެ ހަބަކަށް ހެދުން ކަމަށް އަމްރު ވިދާޅުވިއެވެ.އަމްރު ވިދާޅުވީ އެމްއެސްއެސް ފެށިއިރު ނިންމާފައިވަނީ ކުންފުނިން ކަނޑައަޅާ ތާރީޚުތަކަށް ދަތުރުތައް ބޭއްވުމަށް ކަމަށެވެ. އެގޮތުން ކޮންޓެއިނަރުތައް ލިބުނަސް ނުލިބުނަސް ދަތުރު ބާއްވަމުންދާ ކަމަށާއި މިއާއެކު ވިޔަފާރިވެރިންނާއި އެމްއެސްއެސްއާ ދެމެދު އޮންނަ އިތުބާރު މިހާރު ބޮޑުވެފައިވާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ކާގޯ ގެނައުމުގައި އަގުހެޔޮވެގެންދޭ. ކޮންމެ 20 ދުވަހަކުން ދަތުރު އޮންނާތީ މުދާ ގެނައުމުގައި ފަސޭހަވެގެންދާނެ. އިންޑިއާއަކީ އެކި ބާވަތްތަކުގެ މުދާ އުފައްދާ ޤައުމެއް.

– އަމްރު ވިދާޅުވިއެވެ.

އެމްއެސްއެސްއިންވަނީ އިންޑިއާގެ ޓުޓިކޮރިންއާއި އައްޑޫ ސިޓީއާ ދެމެދު މިމަހުގެ 10 ވަނަ ދުވަހު ކާގޯގެ ޚިދުމަތް ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.