19 ވަނަ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ވަޒީރުންގެ ތެރެއިން 4 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ނިންމި ނަމަވެސް ވިޕްލައިނާ ޚިލާފަށް ބައެއް މެންބަރުން ވަނީ ވަޒީރުންނަށް ރުހުން ދީފައެވެ. އެހެންކަމުން މަޖިލީހުން ރުހުން ނުލިބުނީ ތިން ވަޒީރަކަށެވެ.
އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ މާ ގިނައިރު ތަކެއް ނުވަނީސް އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފައެވެ.
މައްސަލައިގެ ބަހުސް މާދަމާ ނިމިއްޖެ ނަމަ އެ މައްސަލައަށް މާދަމާ ވޯޓަށް އަހާނެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވެރިކަން ކުރާ ޕީއެންސީގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހެކެވެ.