ކޯވިޑުގެ ނުރައްކާތެރި ރަނގަބީލުގެ އަޑު ދުނިޔޭގައި ދަނީ ގަދަވަމުން، ސަމާލުވޭ: ޑރ.މައުސޫމް

ކޯވިޑުގެ ނުރައްކާތެރި ރަނގަބީލުގެ އަޑު ދުނިޔޭގައި ދަނީ ގަދަވަމުން، ސަމާލުވޭ: ޑރ.މައުސޫމް

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 10:40
0

ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރި ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން މިއަދު ރާއްޖެއިން ބަލީގެ ނުރައްކާތެރިކަން ކުޑަވެފައި ވީނަމަވެސް ދުނިޔޭގައި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުންދާތީ ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަށްވެ، ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމުގެ އުފާވެރި މަންޒަރު މިއަދު ފެންނަމުންދާތީ އެކަމާއި ﷲ އަށް ހަމްދުކޮށް އުފާ ކުރައްވާކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ. ނަމަވެސް މިއީ ބަލީގެ ނުރައްކާ ކުޑަވީކަމަށް ބަލައި ފަރުވާ ކުޑަކުރަންވީ ވަގުތު ނޫންކަމަށާއި، މިއީ ދުނިޔޭގައި ބަލި ފެތުރެމުންދާ ހަލުވިކަމާއި، އޮތް ނުރައްކާތެރި ފައްތަރައް ބަލާއިރު ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރަންވީ ވަގުތުކަމަށެވެ.

ރާއްޖެއިން ބަލީގެ ނުރައްކާ ކުޑަވި ކަމުގައި ވީނަމަވެސް މިނިސްޓަރ މައުސޫމް ވިދާޅުވިފަދައިން ދުނިޔޭގައި ދަނި ބަލީގެ ނުރައްކާ ބޮޑުވެ، ކޯވިޑުގެ ނުރައްކާތެރި ހާލަތަށް ވެއްޓެމުނެވެ. އެގޮތުން ކޯވިޑް19ގެ އާ ސްޓްރެއިންއެއް (ކޮރޯނާ ވައިރަސް މިއުޓޭޓްވެގެން އުފެދޭ ވައިރަހުގެ ތަފާތު ނަކަލެއް) އިގިރޭސި ވިލާތުގައި ފެތުރެންފަށާފައި ވާތީ، ޔޫރަޕްގެ ގިނަ ގައުމުތަކުން އެގައުމަށް ދަތުރުކުރުން ވަނީ ހުއްޓާލާފައެވެ.

އެމެރިކާގެ ނެވާޑާ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެސިސްޓެންޓް ޕްރޮފެސަރ، ބްރަޔަން ލަބުސް ވިދާޅުވެފައި ވަނީ، މިހާރު ފެނިގެން އުޅޭ ކޯވިޑް19 ބަލިޖައްސާ ކޮރޯނާ ވައިރަހުގެ އާ ސްޓްރެއިންގެ ހަގީގީ ތަފްސީލެއް އަދި އެގޭކަށް ނެތް ކަމަށެވެ. އިގިރޭސިވިލާތުގައި ކޮރޯނާ ވައިރަހުގެ މުޅިން އާ ނަކަލެއް ފެތުރެން ފެށުމާއި ގުޅިގެން ދުނިޔޭ ގިނަ ގައުމުތަކުން މިހާރު ދަނީ އެގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުން މިހާރުވެސް ވަނީ، ޔޫރަޕްގެ ގައުމުތަކުން މީހުން އެތެރެވުން މަނާ ކޮށްފައެވެ.

މިގޮތުން ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ އޮފިޝަލުން މައުލޫމާތު ދޭގޮތުގައި، ދުނިޔޭގެ ގައުމުތަކުގައި މިހާރު ކޮރޯނާ ވައިރަހުގެ އާސްޓެރެއިންއެއް ފެތުރެމުންދާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އަންގާފައިވާތީ، މިހާރު ފެތުރެމުންދާ ސްޓްރެއިންގެ ހަގީގަތް މުޅިން ސާފުވަންދެން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެގައުމުގެ ބޯޑަރު މިހާރުވަނީ އެއް ހަފްތާގެ މުއްދަތައް ބަންދު ކޮށްފައެވެ.

އަދި މީގެ އިތުރުންވެސް، ކުވެއިތު، އޮމާން އަދި އިސްލާއީލު އަދި ސްޕެއިންއިންވެސް ވަނީ ސަލާމަތީ ފިޔަވަޅުތަކެއްގެ ގޮތުން އެގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.