އިސްލާމީ ޝަރީޢަތުގެ ޤަޠުޢީ ޙުކުމްތަކަށް އުނިއިތުރު ނުގެނެވޭނެ: ޑރ.ޝަހީމް

އިސްލާމީ ޝަރީޢަތުގެ ޤަޠުޢީ ޙުކުމްތަކަށް އުނިއިތުރު ނުގެނެވޭނެ: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 09:27
0

އިސްލާމީ ޝަރީޢަތުގައި ޤަޠުޢީ ޙުކުމްތައް އައިސްފައިވާ ކަންކަމުގެ ތެރެއަށް އުނި އިތުރު ގެނައުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއްނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމްގެ ބަހުސެއް ބޮޑުވެފައިވަނިކޮށް ކުރީގެ އިސްލާމިކް މިނިސްޓަރ ވިދާޅުވީ އިސްލާމީ ޝަރީޢަތުގެ އެންމެހާ ޙުކުމްތައް ކަނޑައަޅުއްވާފައިވަނީ އަޅުތަކުންގެ އެންމެ މަތީ މަޞްލަޙަތުތަކާއި އަބުރާއި ކަރާމަތު ރައްކާތެރިކުރުމަށް ކަމުގައެވެ. މިހުކުމާއި ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޕީޖީ ޝަމީމް ޒިނޭގެ ކުށް ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވޭނެކަމަށްބުނެ ދައްކަވާފައިވާ ވާހަތަކާއި ގުޅިގެންނެވެ.

ޝަމީމް ވިދާޅުވެފައިވަނީ ޒިނޭގެ ދެވައްތަރެއްގެ ކުށް ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައި ވާނެ ކަމަށާއި އެއީ ޝަރުއީ ޒިނޭ އާއި ޤާނޫނީ ޒިނޭކަމަށާއި އޭގެތެރެއިން ޤާނޫނީ ޒިނޭ ޑީއެންއޭ ހެކީގެ މައްޗަށް ބުރަވެ ސާބިތު ކުރެވޭނެ ކަމަށެވެ. މިމައްސަލައިގައި ޑީއެންއޭ ބަލައި ނުގަނެވޭނެކަމަށް ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމުގެ މިސްރާބު ހުރީ ދައުލަތުން ހުށަހެޅި ކަމާ ދިމާލަކަށް ނޫން ކަމަށާޢި އެމިސްރާބު ރަނގަޅުވިނަމަ، ޑީއެންއޭއާބެހޭ ގޮތުން ސުވާލެއް އުފެދޭނެ ޖާގައެއް ނޯތީސް ކަމަށް ޝަމީމް ވިދާޅުވިއެވެ

ޕީޖީގެ މިވާހަތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓްތަކުގައި ބުނެފައިވަނީ ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށެވެ. އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވެފައި މިފަދަ ޝަރުއީ ލަފްޒްތަކުގު ޝަރުއީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުން ކުރުމަކީ ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށްވެސް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ. އަދި ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް އެ މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.