ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރުމުގެ މަޝްރޫޢު މި ހަފްތާގައި ފަށާއިރު ކްލާސްރޫމްތައް އޭސީތަކަށް ބޭނުންވާ ކަރަންޓުގެ %30 ކަރަންޓަކީ އިއާދަކުރަނިވި ހަކަތަ ކަމަށް ހެދުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ .ޝަފީޢު ވިދާޅުވެއްޖެއެވެ.،
ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރުމުގެ މަޝްރޫޢު މި ހަފްތާގައި ފަށާނެކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޕީއެސްއެމްއިން ގެނެސްދިން ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ހޫނުމިން މަތިވެ، އެ ހޫނުކަން ދަރިވަރުންނަށް އިހުސާސްކުރެވި ކުދިން ސްކޫލަށް ދާން ބޭނުން ނުވުމަކީ ބައެއް ގައުމުތަކަށް ކުރިމަތިވަމުންދާ މައްސަލައެއް ކަމުގައެވެ.
މީ ރާއްޖެއަށް އެކަނި ދިމާވެފަވާ ކްރައިސިސްއެއް ނޫން. ވަރަށް ގިނަ ގައުމުތަކުން ފާހަގަކުރި ސްކޫލުތަކުގަ ހޫނުގަދަވުމުގެ ސަބަބުން ކުދިން ސްކޫލަށް ނުދިއުމުގެ ސަބަބުން އަންނަ ލާނިން ލޮސް.
ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑު ޚަރަދެއް ކޮށްގެން ސަރުކާރުން ކްލާސް ރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ފަށަން ބޭނުންވަނީ ކުދިންނަށް ތައުލީލު ހާސިލް ކުރެވޭނީ ހިތްފަސޭހަ މާހައުލެއްގައިކަމަށް ވާތީއެވެ. އަދި އެ މަޝްރޫޢުގެ މަގްސަދަކީ އެއީކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ޝަފީޢު ވިދާޅުވީ ރައީސް މުއިއްޒު އިރުޝާދު ދެއްވާފައިވަނީ އޭސީތަކަށް ބޭނުންވާ ކަރަންޓުގެ %30 ކަރަންޓަކީ އިއާދަކުރަނިވި ހަކަތަ ކަމަށް ހެދުމަށް ކަމަށެވެ.
މިކަން ކުރުމުގަ އެންމެ މަދުވެގެން 30 އިނސައްތަ ކަރަންޓަކީ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ގޮތުގަ ބައްޓަންކުރެވިގެން، އެފަދަ ގޮތަށް ވިސްނައިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރައީސް އިރުޝާދުދެއްވާފައިވަނީ. އަޅުގަނޑުމެން އޭސީކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް މި ހަފްތާ ތެރޭގަ އިފްތިތާހުކުރާނަން.
ޝަފީޢު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތައް އޭސީ ކުރުމެވެ.
ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރަން އަންނަ އަހަރު ސޯލާ ޕެނަލްގެ ޕްރޮޖެކްޓެއް ފަށަން ރާވާފައިވާކަމަށް ރައީސް މުހައްމަދު މުއިއްޒު ފާއިތުވި މާރޗްމަހު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ މެދު ރާއްޖެތެެރޭގެ ރަށްތަކަށް މަރޗްމަހު ކުރެވު ދަތުރުފުޅުގައި ދ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ސްކޫލްތަކުގެ ފަރާތުން އަންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކްލާސްރޫމްތައް ހޫނުވުމުގެ މައްސަލަ ކަމަށެވެ. އެހެންވެ ކްލާސްރޫމްތައް އޭސީކޮށްދިނުމަށް ޓީޗަރުންނާއި ދަރިވެރިންގެ ފަރާތުން އެދެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއީ، ކޮންމެ މަހަކު ކަރަންޓު ބިލު ދައްކަން ބަލާއިރު، ދެކޮޅުޖެހޭ ކަމަކަށް ވެސް ނުވޭ. އެހެންވީމާ، އަޅުގަނޑުމެން ގަސްތުކޮށްފައި މި ވަނީ، މި އަންނަ އަހަރުން ފެށިގެން ސޯލާ ޕަވާ ބޭނުންކުރެވޭ ރިނިއުބަލް އެނާޖީ [އިއާދަކުރަނިވި ކަރަންޓު އުފެއްދުން] މަޝްރޫއުތަކެއް ހުރިހާ ސްކޫލެއްގައި ހިންގުމަށް.
ރައީސް ވިދާޅުވި އެވެ.
ބައެއް ސްކޫލްތަކުގައި ބެލެނެވެރިން އިސްނަގައިގެންނާއި ރަށްތަކުގެ ވިޔަފާރިވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ކުލާސްރޫމުތަކުގައި އޭސީ ހަރުކޮށްފައި އެބަހުއްޓެވެ. އެކަމަކު ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހެން ހަރުކޮށްފައި ހުންނަނީ ފަންކާއެވެ.