333 ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅާ، ބަޔާން ހުށަހަޅަން ބާކީ އޮތީ 3 ދުވަސް

333 ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅާ، ބަޔާން ހުށަހަޅަން ބާކީ އޮތީ 3 ދުވަސް

Author
ހުސައިން
20 މެއި 2024 09:50
0

ނިމިދިޔަ ވިހި ވަނަ ރައްޔިތުންގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހެޅީ 35 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިރޭ ބުނެފިއެވެ.

މިކަމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނާޅައިފިނަމަ، ގާނޫނުގައި ބުނާ ގޮތަށް އެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށެވެ.

މިގޮތުން، އޭނާ ވިދާޅުވީ، އެ މެންބަރުންނަށް ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އަންނާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

މާލީ ބަޔާން ހުށަނާޅައިފިނަމަ، ގާނޫނުގަ އޮންނަނީ ޖަލު ހުކުމެއް ނޫނީ ޖޫރިމަނާ ކޮންމެސް އެކައްޗެއް އަންނާނެ. އެ ދެން ޕީޖީން ނިންމާ ގޮތަކަށް އެކަން ކުރިއަށް ދާނީ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޒަކަރިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ ބުރާސްފަތީގެ ނިޔަލަށް 35 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށާއި 333 ކެންޑިޑޭޓުންގެ މާލީ ބަޔާން އަދި ހުޅަހަޅާފައިނުވާ ކަމަށެވެ.

މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވާލާފަ އޮތީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

މި ކަމާއި ގުޅިގެން އީސީގެ ކުރީގެ ނައިބު ރައީސް އިސްމާޢިލް ހަބީބް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ވިޔަސް ނުވަތަ ނުވިޔަސް، އަންނަ ބުދަ ދުވަހުގެ ކުރިން އީސީއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.