ދިވެހި ސަރުކާރަށް ފޯރުކޮށްދޭ ބަޖެޓްރީ ސަޕޯޓުގެ ގޮތުގައި، 50 މިލިއަން ޑޮލަރު ދެއްކުން އެއް އަހަރަށް ފަސްކޮށްދޭން (ރޯލްއޯވަރ) އިންޑިއާއިން ނިންމައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެހީ އަކީ 13 މެއި 2024 އިން ފެށިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިތުރު އަހަރަކަށް 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ރޯލްއޯވާ ކޮށްދޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
އަދި މިއީ 2024 ވަނަ އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖޭޝަންކަރުގެ އަރުހުން އެދިވަޑައިގަތް އެދިވަޑައިގަތުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެއްކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ވެއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށްދާއިރު، މީގެތެރޭގައި ހިލޭ އެހީގެ ގޮތުގައި ޕްރޮޖެކްޓްތައްވެސް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދިވެހި ސަރުކާރުން އުންމީދުކުރަނީ، ދެޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް ކަމުގައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނެގި 200 މިލިއަން ޑޮލަރުގެ ލޯންގެ ތެރެއިން ދިވެހި ސަރުކާރުން އެދިފައިވަނީ 150 މިލިއަން ޑޮލަރު ފަސްކޮށްދިނުމަށެވެ.
ރައީސް އޮފީހުގައި މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ވެރިކަމަށް އައިސް ބަޖެޓް ސަޕޯޓުގެ ގޮތުގައި ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު ދައްކާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު ފަސްކޮށްދޭން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
މި 200 މިލިއަން ޑޮލަރު މިދިޔަ އަހަރާ ހަމައަށް ރޯލް އޯވާ (ފަސްކޮށް ދެމުން) އައީ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ވަނީ މީގެ އެއްބައި ދައްކާފައި. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު ފަސްކޮށްދޭން ވާނީ އެދިފަ،" ޒަމީރު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މި ލޯނަކީ ބޮންޑެއް ވިއްކައިގެން ހޯދި ލޯނެކެވެ. މި ބޮންޑް ގަތީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިންނެވެ. މި ބޮންޑުގެ 50 މިލިއަން ޑޮލަރު ދެއްކީ މި އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހު އެވެ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަލާސް ކުރަން ޖެހެއެވެ. މި ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު މި މަހުގެ ތެރޭގައި ދައްކަން ޖެހޭ ކަން ވެސް އެނގިފައިވެއެވެ.
ޒަމީރު ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ލޯން ފަސްކޮށްދިނުމާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާ މަޝްވަރާ ކުރެއްވިއެވެ. ޒަމީރު ވިދާޅުވި ގޮތުގައި ޖައިޝަންކަރު ވަނީ ރާއްޖޭގެ ބޭނުންތައް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މި ބޮންޑު ރޯލް އޯވާކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލް އިންޑިއާއިން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އިންޑިއާއިން ބަލާނެ މިއީ ކުރެވިދާނެ ކަމެއްތޯ. އިންޑިއާ މިނިސްޓަރު ވިދާޅުވި ރާއްޖޭގެ ބޭނުންތަކަށް ކޮށްދެއްވާފައި ބޭނުންވާ ކަންކަން ހަމަޖައްސައިދެއްވާނެ ކަމަށް،" ޒަމީރު ވިދާޅުވިއެވެ.