ގާ ހުދުވާތީ، ބިން ހިއްކުމާއި، ފަޅު ފުންކުރުމާއި، ޕަމްޕު ޖަހައިގެން ވެލިނެގުން އީޕީއޭއިން މަނާކޮށްފި

ގާ ހުދުވާތީ، ބިން ހިއްކުމާއި، ފަޅު ފުންކުރުމާއި، ޕަމްޕު ޖަހައިގެން ވެލިނެގުން އީޕީއޭއިން މަނާކޮށްފި

Author
ހުސައިން
09 މެއި 2024 09:49
0

ގާހުދުވުމާއި (ކޮރަލް ބްލީޗިންގ) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅާ ފިވަޅެއްގެ ގޮތުން، ފަޅު ފުންކުރުމާއި، ޕަމްޕު ޖަހައިގެން ވެލިނެގުން އީޕީއޭއިން މަނާކޮށްފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެއް ކަމުގައެވެ. އަދި ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަމަށް ފާހަގަ ކުރެވިފައިވާކަމަށްވެސް އީޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އީޕީއޭއިން އިތުރަށް ބުނެފައިވަނީ، މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަން ކަމުގައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (NOAA) އިން ހިންގާ "ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސް" ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާރޓް ލެވަލް 1″ ގައެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ދަނީ ލިބެމުންނެވެ.

އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ސަރަހައްދު އޮތީ "އެލާރޓް ލެވަލް 1″ ގައި ކަން ފާހަގަކޮށް، ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯރޓް ލިބެމުންދާތީ ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން 10 ޖޫން 2024 ވަނަ ދުވަހުގެ ނިޔަލަށް އެޅުމަށް އީޕީއޭއިން ވަނީ ނިންމާފައެވެ.

  1. ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފަރުތަކަަށް ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލުން.

1.1.  ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން

  2. މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އީ.ޕީ.އޭ އަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން 1.1 ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމުގެ ގޮތުން 10 ޖޫން 2024 ގެ ފަހަށް އެ މަސައްކަތްތަކުގެ މަސައްކަތުގެ ތާވަލް މުރާޖަޢާކުރުން

އީޕީއޭއިން ބުނެފައިވަނީ، ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިލާމެހިފައިވީ ހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.