ޕޮންޒީ ސްކީމަކުން ގިނަބަޔަކަށް ލަނޑު ދީފައިވާ އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ކުންފުނިން މީހަކަށް 145،000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އަމިއްލަ މީހަކު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލްއަށް ހުކުމް ކޮށްފައިވަނީ ކިންގްސްފޮރެސްޓީ އޮންލައިން ކޮޕީ ޓެރޭޑަށްވުމުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ މީހާ އިންވެސްޓް ކުރި ފައިސާއިން ފައިދާ ލިބެމުން ނުދާތީއެވެ.
އަމިއްލަ ފަރާތުން ކިންގްސް ކެޕިޓަލްއަށް ދައުވާ ކޮށްފައިވަނީ އޭނާ އިންވެސްޓް ކުރި ފައިސާއިން ބާކީ ހުރި 90،000 ރުފިޔާއާއި، އިންވެސްޓް ކޮށްގެން ދެފަރާތަށް ލިބޭނެކަމަށް އެއްބަސްވެފައިވާ ފައިދާގެ %50 އަށްވާ 50،000 ރުފިޔާއާއި، އަދި އޭގެ އިތުރުން ވަކީލުންނަށް ޚަރަދު ކުރަން ޖެހުނު 20،000 ރުފިޔާ ހޯދުމަށެވެ. އެގޮތުން ކިންގްސް ކެޕިޓަލްއިން ޖުމްލަ 160،000 ރުފިޔާ ހޯދުމަށް ދައުވާ ކޮށްފައި ވެއެވެ.
މިމައްސަލާގައި ޖަވާބުދާރީވުމަށް ކިންގްސް ކެޕިޓަލްއިން ދައުވާއަށް ޖަވާބުދިނުމުގެ މުއްދަތު ހަމަވީއިރުވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ހުކުމް ކޮށްފައިވަނީ ޢައިރު ހާޒިރުގައެވެ.
މިމައްސަލަ ބެއްލެވި ގާޒީ މުހައްމަދު އީސާފުޅު ކުރެއްވު ހުކުމްގައި ބުނެފައިވަނީ ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 20،000 ރުފިޔާއަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަދަދެއް ކަމުގައެވެ. ހުކުމްގައި ފާހަގަ ކޮށްފައިވަނީ ޝަރީއަތުގެ ޚަރަދުގެ ގޮތުގައި އެކަށީގެންވާ މިންވަރަކީ 5،000 ރުފިޔާ ކަމުގައެވެ.
މަދަނީ އިޖުރާތުގެ ގާނޫނުގެ 212 ވަނަ މާއްދާއާ ހަވާލާދީ، ގާޒީ ހުކުމް ކޮށްފައިވަނީ ދައުވާގައި ހޯދުމަށް އެދިފައިވާ 140،000 ރުފިޔާއާއި، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ނަގާދިނުމަށް އެދިފައިވާ 5،000 ރުފިޔާއާއެކު ޖުމްލަ 145،000 ރުފިޔާ ކިންގްސް ކެޕިޓަލްގެ ފަރާތުން ދައުވާކުރި ފަރާތަށް ދައްކަން ޖެހޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ