ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުތައް އަނބުރާ ގެންގޮސްފި އެވެ.
ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް މަޖިލީހަށް ތައާރަފްކޮށް ފުރަތަމަ ކިޔުން އިއްވީ މިދިޔަ އޭޕްރީލް 23 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ ގައެވެ.
އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ހަސަން ހުށަހެޅުއްވި އިސްލާހުތައް އިއްޔެގެ ވަގުތެއްގައި އޭނާ އަނބުރާ ގެންދަވާފައިވާ ކަމަށް އިއުލާން ކުރައްވާފަ އެވެ
މިއިސްލާހުތައް އަނބުރާ ގެންދެވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިހާބުވީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ މެމްބަރުކަމުން ވަކިވާނެ ކަމަށް ބުނެފައި ވެއެވެ.
އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެމްބަރަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވެއްޖެ ނަމަވެސް މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މި އިސްލާހުގައިވެ އެވެ.
ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީއަކުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ އިންތިހާބުވި ދައުރުގެ ތެރޭގައި ޕާޓީގެ މެމްބަރުކަމުން ވަކިކުރުމުންވެސް ގޮނޑި ގެއްލޭނެ އެވެ.
އިސްލާހުގައިވާ ގޮތުން ޕާޓީއަކުން އިންތިހާބުވެފައިވާ މެމްބަރެއް ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓު ދިނުން ފިޔަވައި އެނޫން ސަބަބަކާހުރެ ޕާޓީގެ މެމްބަރުކަމުން ވަކިކުރާ ހާލަތުގައި އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަގުލަބިއްޔަތުން އޭނާ މަގާމުން ވަކިކުރަން ނިންމުމުންވެސް ގޮނޑި ގެއްލޭނެ އެވެ.
މީގެ އިތުރުން މެމްބަރަކު މަގާމުން ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ދާއިރާއެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި ނެގޭ އާއްމު ވޯޓުގައި މެމްބަރު ވަކިކުރަން އަގުލަބިއްޔަތުން ނިންމައިފި ނަމަވެސް މެމްބަރުގެ ގޮނޑި ގެއްލޭނެ ކަމަށް އިސްލާހުގައިވެ އެވެ.
ހަސަން ލަތީފް މި އިސްލާހު ހުށަހަޅުއްވާފައިވާއިރު މަޖިލީހުން ވަނީ މަޖިލިސް މެންބަރުން، މެންބަރު ކަމުން ވަކިވާނެ ހާލަތްތަކެއް ބަޔާންކޮށް އެންޓި ޑިފެކްޝަން ބިލެއް ފާސްކޮށްފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ކުރައްވާފަ އެވެ.