އީސީގެ މެމްބަރުންނަށް އިނާޔަތާއެކު ރިޓަޔާވެވޭގޮތަށް ގެނައި އިސްލާހު ބާތިލުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު ދެ ދައުރު ފުރުހަމަ ކޮށްފިނަމަ އިނާޔަތާއެކު ރިޓަޔަރ ކުރެވޭގޮތަށް ކޮމިޝަންގެ ގަވައިދު އިސްލާހު ކޮށްފައިވަނީ ފާއިތުވި މާރޗްމަހުގެ ތެރޭގައެވެ.
ކޮމިޝަންގެ މެމްބަރުންނަށް އިނާޔަތާއެކު ރިޓަޔަރ ކުރެވޭގޮތަށް ގަވައިދު އިސްލާހު ކުރިކަން ހާމަކުރީ، އެކޮމިޝަނުގެ ނައިބު ރައިސްކަމުގެ މަގާމްގައި ހުންނެވި އިސްލާއިލް ހަބީބުގެ މެމްބަރުކަމުގެ ދައުރު ހަމަވީ ގަވައިދު އިސްލާހު ކުރި ދުވަހުއެވެ.
އީސީއިން މިއަދު ބުނީ މުވައްޒަފުންނާއި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދެވޭ ގޮތަށް ކޮމިޝަންގެ ގަވާއިދަށް މިިދިޔަ ފެބްރުއަރީ 28 ގައި ގެނައި ބަދަލު ބާތިލްކޮށްފައިވާކަމަށާއި މިގޮތަށް ބާތިލުކުރީ ފިނޭންސް މިނިސްޓްރީގެ އެންގުމުގެ ދަށުން ކަމަށެވެ.
އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އެ ގަވާއިދު އުވާލީ މުވައްޒަފެއްގެ މަގާމުގައި ހުރުމަށް ފަހު މެމްބަރު ކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމާއި ގުޅިގެން ކަމުގައެވެ.
އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ގަވައިދުގައިވާ ގޮތުން ރިޓަޔާކުރުމުގެ ދަރަޖައާ އެކު، ވަޒީފާ އިން ވަކިކުރެވޭނީ، އުމުރުން 55 އަހަރު ފުރި، އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތްކޮށްފައިވާ ނަމަ އެވެ. އަދި ކޮމިޝަންގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އީސީގެ ކޮމިޝަނަރަކަށް އައްޔަންކޮށްފި ނަމަ، ރިޓަޔާކުރާ އިރު ހިދުމަތުގެ މުއްދަތު ބަލާނީ އެ އަހަރުތައް ވެސް ހިމަނައިގެން ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.
އެހެން ނަމަވެސް، ކޮމިޝަންގެ މެމްބަރަކު ރިޓަޔާވާ އިރު އުމުރުން 55 އަހަރުވާކަށް ލާޒިމެއް ނުވާނެ އެވެ. އެ ކޮމިޝަނަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ، މުޅި އުމުރަށް ލިބޭ އިނާޔަތްތަކާ އެކު ރިޓަޔާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. އެ އުސޫލުގެ ދަށުން ރިޓަޔަކުރާ އިރު، އެއްފަހަރާ ގަނޑުކޮށް ދޭ ފައިސާ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށް ވާ ފައިސާ ލިބޭނެ އެވެ. އަދި މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓު ޕޭގެ ގޮތުގައި ދޭން ވާނެ އެވެ.
ނަމަވެސް އެ މީހަކު ހިދުމަތްކުރި އަހަރު 15 އަހަރަށް ވުރެ އިތުރުވެފައިވާ ނަމަ ގަނޑުކޮށް އެއްފަހަރާ ފައިސާ ދިނުމުގައި ބަލާނީ 15 އަހަރަށެވެ.
އީސީގެ މިހާރުގެ ރައީސް ފުއާދު ތައުފީގު ހުންނެވީ އޭނާގެ ދެވަނަ ދައުރުގައެވެ.އިލެކްޝަންސް ކޮމިޝަންގައި ތިއްބަވަނީ ޖުމްލަ 5 މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ