ޔާޔާ ނަބީލުގެ ބަންދަށް 15 ދުވަސް ޖަހައިފި

ޔާޔާ ނަބީލުގެ ބަންދަށް 15 ދުވަސް ޖަހައިފި

Author
ހުސައިން
05 މެއި 2024 11:38
0

މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް)ގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ ހައްޔަރުކުރި ޔާޔާ ނަބީލްގެ ބަންދުގެ މުއްދަތާމެދު ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމުގައެވެ.

އުމުރުން 39 އަހަރުގެ ޔާޔާ ނަބީލް ހައްޔަރު ކޮށްފައިވަނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދަނިކޮށް ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައެވެ.

ސޯޝިއަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅެ ބަރަހާނާވި ގ.ކަމަރާގޭ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ މައްސަލަ އަނެއްކާވެސް ފުލުހުން ބަލަންފެށީ މިހަފްތާގެ ހުކުރު ދުވަހުއެވެ.

“ލޫސީ”ގެ ނަމުގައި ހުޅުވާފައިވާ ޓިކްޓޮކް އެކައުންޓެއްގައި ނަބީލް އަންނަނީ އަންހެން ހެދުން އަޅައި ވީޑިއޯ ހިއްސާކުރަމުންނެވެ. މިކަން ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިނުވޭތޯ އަހައި، ނޫސްވެރިޔަކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ރީޓްވީޓްކޮށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އެއް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މީގެކުރިން ހުކުމްވެސް ކޮށްފައި ވެއެވެ.

މީސް މީޑިއާ ޕްލެޓް ފޯމެއްކަމުގައިވާ ޓިކްޓޮކްގައި ބަރަހާވި މައްސަލާގައި ދައުތަކުން ނަބީލްގެ މައްޗަށް 2022 ވަނަ އަަހަރު ދެ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އޮރިޔާން ކާޑު ހެދުމުގެ ދައުވާއާއި ގެންގުޅުމުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހު ކުރި ހުކުމުގައި ވިދާޅުވެފައިވަނީ، މި ދެދައުވާއަށްވެސް އޭނާ އިންކާރު ކޮށްފައިވިނަމަވެސް، ދައުލަތުން އޭނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަކީ އޭނާގެ މައްޗަށް މި ދައުވާތައް އެއްވެސް ޝައްކެއް ނެތް މިންވަަރަށް ސާބިތުވާ ހެކިތަކާއި ގަރީނާތައް ކަމުގައެވެ.

ދެ ދައުވާގެ ތެރެއިން އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާގައި އާނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އޭނާގެ މައްޗަށް ކޮށްފައިވަނީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

ޔާޔާ ނަބީލް ހައްޔަރުކޮށް މުއްދަތު ޖެހުމަށް އެންމެ ފުރަތަމަ ކޯޓަށް ޙާޒިރުކުރުމުން އޭނާ ވަނީ ބަރަހަނާ ވީޑިއޯ ހަދާފައިނުވާނެކަމަށް ބުނެފައެވެ. އޭރު އޭނާ ބުނެފައިވަނީ ޓިކްޓޮކަށް 3 މިނެޓްގެ ވީޑިއޯއެއް ލާފައިނުވާނެކަމަށާއި، ލެވުނީ 60 ސިކުންތުގެ ވީޑިއޯއެއްކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމަކީ އޭނާ ބޭޒާރުކުރުމަށް އޭނާގެ މޫނު ބޭނުންކޮށްގެން ކުރި ކަމެއްކަމަށްވެސް އޭރު ނަބީލް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.