ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ގޯލާ އެކު އިޓާލިއަން ލީގުގައި ޔުވެންޓަސް ރޭ ރަށުން ބޭރުގައި 4-0 ލަނޑުން ޕާމާ ބަލިކޮށްފި އެވެ.
ރޭގެ މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލު 23 ވަނަ މިނެޓުގައި ޖެހީ ޑެޔަން ކުލުސެވްސްކީ އެވެ. އޭގެ ތިން މިނެޓު ފަހުން ރޮނާލްޑޯ ބޮލުން ކާމިޔާބުކުރި ގޯލާ އެކު ޔުވެންޓަސް އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ.
ޔުވެންޓަސްގެ 3 ވަނަ ލަނޑު 2 ވަނަ ހާފު ފެށިގެން 3 ވަނަ މިނެޓުގައި ޖެހީ ރޮނާލްޑޯ އެވެ. އެޓީމުގެ ފަހު ލަނޑު ފެޑެރިކޯ ބާނަޑެސްކީ ނަގައިދިން ހުރަހަކުން 85 ވަނަ މިނެޓުގައި ބޮލުން ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ.
ރޭގެ ގޯލުތަކާ އެކު އިޓާލިއަން ލީގުގައި މި ސީޒަނުގައި 12 ލަނޑު ހަމަކޮށް ރޮނާލްޑޯ އޮތީ ލަނޑު ލިސްޓުގެ އެއް ވަނައިގަ އެވެ. މި ލިސްޓުގެ ދެ ވަނައިގައި އޮތީ 10 ލަނޑު ޖަހާފައިވާ އިންޓަ މިލާނުގެ ރޮމެލޫ ލުކާކޫ އާއި އޭސީ މިލާނުގެ ޒަލަޓަން އިބްރަހިމޮވިޗެވެ. އިޓާލިއަން ލީގުގައި ކުޅުނު 73 މެޗުގައި ރޮނާލްޑޯ މިހާރު ވަނީ 63 ލަނޑު ޖަހާފަ އެވެ.
ރޭގެ މޮޅާ އެކު ޔުވެންޓަސް އިން ވަނީ 27 ޕޮއިންޓް ހަމަކޮށް ދެ ވަނާގައި އޮތް އިންޓަ މިލާނާ އެއްވަރުކޮށްފަ އެވެ.