ޕްލާސްޓިކް ކުނި މެނޭޖުކުރުމަށް ހާއްސަ އުޅަނދުތަކެއް ޔޫއެންޑީޕީން ވެމްކޯއަށް ހަދިޔާ ކޮށްފި

ޕްލާސްޓިކް ކުނި މެނޭޖުކުރުމަށް ހާއްސަ އުޅަނދުތަކެއް ޔޫއެންޑީޕީން ވެމްކޯއަށް ހަދިޔާ ކޮށްފި

Author
ހުސައިން
30 އޭޕްރިލް 2024 03:47
0

ވެމްކޯގެ އޮޕަރޭޝަންތަކުގައި ޕްލާސްޓިކް ކުނި މެނޭޖުކުރުމަށް ހާއްސަ އުޅަނދުތަކެއް އިތުރުކޮށް، މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށްފި އެވެ.

ވެމްކޯއަށް ކުނި މެނޭޖުކުރުމަށް ހާއްސަ އުޅަނދުތަކެއް ހަދިޔާކުރީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިންނެވެ. އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނީ ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އުޅަނދުތަކާ ވެމްކޯގެ ފަރާތުން ހަވާލުވެވަޑައިގަތީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.

ވެމްކޯގެ ފްލީޓަށް އިތުރުކުރި އުޅަނދުތަކުގެ ތެރޭގައި ދެ އިލެކްޓްރިކް ވެހިކަލް (އީވީ) އާ އެކު ޖުމުލަ ހަ އުޅަނދު ހިމެނެ އެވެ.

ވެމްކޯއިން ބުނީ، މި އުޅަނދުތަކުގެ އެހީއާއެކު މާލެ ސަރަހައްދުގައި ޕީއީޓީ ކުނި އެއްކުރުމާއި ޖުމުލަކޮށް މުޅި ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

ވެމްކޯއިން ބުނީ، ކުނި މެނޭޖު ކުރުމުގައި މިފަދަ "ކްލީން އެނާޖީ ސޮލިއުޝަންސް" ބޭނުންކުރުމަކީ ރާއްޖޭގެ ކާބަން ފުޓްޕްރިންޓް މިހާރަށް ވުރެ ދަށްކޮށްދޭނެ ކަމެއް ކަމަށެވެ.

30 އެޕްރިލް 2024: ވެމްކޯގެ އޮޕަރޭޝަންތަކުގައި ޕްލާސްޓިކް ކުނި މެނޭޖު ކުރުމަށް ގެނައި ހާއްސަ އުޅަނދު ވެމްކޯއާ ހަވާލުކުރި ރަސްމިއްޔާތު — ފޮޓޯ/ވެމްކޯ

"މިއީ ރާއްޖޭގައި ކުނި ރީސައިކަލް ކުރެވޭ މިންވަރު އިތުރުކޮށް، އެންވަޔަރަމަންޓަލް ޕޮލިއުޝަންގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޅޭ މުހިންމު ފިޔަވަޅެއް،" ވެހިކަލްތައް ވެމްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫއެންޑީޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޕެކް ޗުއާން ގަން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ، ވެމްކޯގެ ފްލީޓަށް އީވީ އިތުރުކުރުމަކީ ޕީއީޓީ ކުނި ރީސައިކަލް ކުރުން ހަރުދަނާ ކުރުމުގެ އިތުރަށް، ކާބަން އެމިޝަންސް ދަށްކުރުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް އިޔާދަކުރަނިވި ހަކަތަ ފުޅާކުރެވޭނެ ބަދަލެއް ކަމަށެވެ.

"މިފަދަ އީކޯ-ފްރެންޑްލީ އުޅަނދުތަކަކީ ވެމްކޯއަށް ގެނެވޭ ބޮޑު ބަދަލެއް. މިއީ ރާއްޖޭގެ ކުނި މެނޭޖުކުރުން ޒަމާނީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ އިތުރަށް ވިދާޅުވީ، މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި މާނަހުރި މަސައްކަތްތަކެއް ކުރެވޭނެކަން އެނގިގެންދާ ކަމަށާއި މި އުޅަނދުތަކާއެކު ތިމާވެއްޓާއި އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ޓީސީސީއެފް އާއި ވީޕީ ކޮމިއުނިޓީ އެފެއާޒްގެ ރައީސް ސާޑިއާ މެޑްސްބާގް ވިދާޅުވީ، އެ ޖަމިއްޔާގެ އަމާޒަކީ ހަމައެކަނި ކުނި ރީސައިކަލް ކުރުމުގެ ބަދަލުގައި ރާއްޖޭގައި ކުނި މެނޭޖުކުރުން ހަރުދަނާ ކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ސަގާފަތެއް ދިރުވުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ކުރާ މިފަދަ މަސައްކަތްތަކާ އެކު ތިމާވެއްޓަށް ފާރަވެރިވުމުގައި ބެންޗްމާކްތަކެއް ސެޓް ކުރުމުގެ އަމާޒު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.