ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސީމަ ހެޔޮ ދަރުމަ އާއި ސަވާބު ހޯދުމަށް ދިވެހިންނަށް ވަރަށް ފަސޭހަވެގެންދާނެތީ އެ ފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުން ވެސް ހިފުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ފުވައްމުލައް ސިޓީ، ނިއުވެލީ، އަލީ ޝަފީއު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަމަޟާން މަހުގެ ފަހު 10 މިއަދު ފެށުމާ ގުޅިގެން ދިވެހި ހުރިހާ ރައްޔިތުންނަށް އެކަމުގެ ހެޔޮ ދުއާ ދަންނަވާ ކަމަށެވެ. ރަމަޟާން މަހުގެ ބަރަކާތާއި ސަވާބު ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ފަހު 10 އެއީ ހާއްސަ ދުވަސްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސީ ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަން ފަސޭހަ ކުރުމަށެވެ. އަދި ހެނދުނު ތެދުވެގެން މަސައްކަތަށް ދިއުމަށް ވުރެ މި ދުވަސްތަކަކީ އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅީމަ ފަހު 10 ގެ ހެޔޮ ދަރުމަ އާއި ސަވާބު ހޯދުމަށް ދިވެހިންނަށް ވަރަށް ފަސޭހަވެގެންދާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ ޖަވާބު
30 މާރިޗް 2024ރައީސްގެ ޖަވާބު ފަށްޓަވަމުން ރޯދައިގެ ފަހު 10 ގެ ސަރުކާރު ބަންދުކުރެއްވީ އަޅުކަމަށް ފުރުޞަތު ދެއްވުމަށްކަމަށް ވިދާޅުވި. ޖަވާބުދެއްވީ، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާމެދު، ފުވައްމުލައް ސިޓީ، ނިއުވެލީ، ޢަލީ ޝަފީޢު ދެންނެވި ސުވާލަށް. pic.twitter.com/qb923rOjsP
— Government of Maldives (@governmentmv) March 30, 2024
އިސްލާމްދީން މަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީހަށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ހާއްސަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ. ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމަވައިފައެވެ.
މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވިއެވެ. އަދި ރޯދަ ހަދިޔާ ރައްޔިތުންނަށް ބެހި އިރު، ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދީ ވަކި މިންވަރެއް މައާފްކޮށްދެއްވާނެކަން ވެސް ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ. ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯދައި ދިން ރޯދަ މަހަށް މިއަހަރުގެ ރޯދަމަސް ވާނެއެވެ.
އަހަރު ތެރޭގައި އަންނަ އެންމެ ހެޔޮކަން ބޮޑު ރޭ ކަމުގައިވާ ލައިލަތުލްގަދްރު ވަނީ ރޯދަމަހުގެ ފަހު 10 ގެ ތެރޭގައެވެ. ފަހު 10 ގައި އަޅުކަން އިތުރުކުރުމަށް މުޅި އުންމަތަށް ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވައިފައެވެ. އަދި އެކަލޭގެފާނުގެ ސުންނަތަށް ބަލާއިރު އެކަލޭގެފާނު އެންމެ ދީލަތިކަމާ އިހްސާންތެރިކަން އިތުރުކުރެއްވީ ރަމަޟާންމަހުގެ ފަހު 10 ގައެވެ.