އެމްޑީޕީގެ މައްޗަށް ދައުވާކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ޖާބިރު

އެމްޑީޕީގެ މައްޗަށް ދައުވާކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ޖާބިރު

Author
ހުސެއިން
06 ފެބްރުއަރީ 2024 08:18
0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ޓިކެޓް ހޯއްދެވިތާ ދުވަސްތަކެއް ފަހުން، އިދިކޮޅު އެމްޑީޕީން ވަކިކުރި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އިންތިހާބުގައި ވާދަކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސުލޫކީ ކޮމެޓީން ނިންމީ އެމްޑީޕީގެ ފަރާތުން ޖާބިރަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އޭނާ ޕާޓީން ވަކިކުރުމަށެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު މިއަދު ވިދާޅުވެފައިވަނީ އެ ނިންމުން އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީގައި އިސްތިއުނާފުކޮށް، އެ ޕާޓީގެ މައްޗަށް ދައުވާ ކުރުމުގެ ވިސްނުންވެސް ގެންގުޅުއްވާ ކަމަށެވެ.

އަދި އެނިންމުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަށް އުނިކަން ލިބޭ ނިންމުމެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޖާބިރު ވިދާޅުވީ އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަޅުގަނޑު ވާދަކުރާނަން. އަދި އަޅުގަނޑު އެ ގޮނޑި ކާމިޔާބު ކުރާނަން.

ޖާބިރު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީ ޖާބިރު ކާމިޔާބު ކުރެއްވީ 252 ވޯޓާއެކު އެވެ. އޭނާއާ ވާދަކުރެއްވި އަބްދުالله ރިފްއަތު ފަހަތަށް ލިބުނީ 150 ވޯޓެވެ.

މިދިޔަ ހަފުތާގައި ޖާބިރު އާންމުންނަށް ހުތުރު ބަހުން ވާހަކަ ދައްކަވައި، ހަޑިހުތުރު ބަސް ބޭނުންކުރާ މަންޒަރު ވީޑިއޯގައި ފެނުމާ އެކު ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށް ފާޑުކިޔާފައެވެ.

ޖާބިރަށް އެމްޑީޕީގެ ޓިކެޓް ގެއްލުނުއިރު، އޭނާގެ ދަރިކަލުން އަހުމަދު މުއާޒް އަބްދުالله ޖާބިރު ވަނީ ދާދި ފަހުން ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ކާމިޔާބުކަމާ އެކު ވާދަކުރައްވައި މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވައިފަ އެވެ.

އެމްޑީޕީގެ ސުލޫކީ ކޮމެޓީން ވެސް ނިންމާފައި ވަނީ ޖާބިރު އަލުން އެ ޕާޓީއާ ގުޅެން ބޭނުންފުޅުވާ ނަމަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށެވެ. އަދި އަލުން ޕާޓީއާ ގުޅިވަޑައިގަތުމުގެ ފުރުސަތު ލިބުނު ނަމަވެސް ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ނުވަތަ އެއްވެސް ޕްރައިމަރީއަކަށް ފަސް އަހަރަށް ވާދަކުރުން މަނާވާނެ އެވެ. ޖާބިރު ތަކުރާރުކޮށް މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުގައި ވެސް ހުތުރު ބަހުން ވާހަކަ ދެއްކުމާއި ހުތުރު އިޝާރާތްތައް ކުރައްވަމުން ގެންދަވާ މަންޒަރު ވަނީ އެތައް ވީޑިއޯއަކުން ފެނިފަ އެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން މީގެކުރިން މަޖިލީހުގެ ޗެމްބަރުންވެސް ތަކުރާރުކޮށް އޭނާ ވަނީ ބޭރުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.