ދައުރުން ބޭރު ޖަލްސާ މިމަހު 28ގައި، އެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދަނީ

ދައުރުން ބޭރު ޖަލްސާ މިމަހު 28ގައި، އެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދަނީ

Author
ހުސެއިން
24 ޖެނުއަރީ 2024 07:12
0

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ބާއްވާ ދައުރުން ބޭރު ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެމްޑީޕީއާއި ދަޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިހުގައި ދެޕާޓީން ގުޅިގެން ކުރުމަށް ހަމަޖައްސާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ދެ ޕާޓީން އެއްބަސްވެގެން، މަޖިލިހުގެ މެމްބަރުންގެ އަދަދު އިތުރު ނުވާގޮތަށް ހެދުމަށާއި އަދި ސިޔާސީ މަގާމްތަކުގެ އަދަދު ގާނޫނު އަސާސީން ކަނޑައެޅުމަށް، ގާނޫނު  އަސާސީއަށް ބަދަލު ގެނައުމަށްވެސް އެއްބަސް ވެފައިވާ ކަމަށެވެ.

މީގެއިތުރުން ވަޒީރުންނަށް ރުހުން ދިނުމަށާއި މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރުމަށް މަޝްވަރާކުރުމަށްފަހު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މިއަދު މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށްވެސް ހަސަން ވަނީ ވިދާޅުވެފައެވެ.

"ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އިއްޔެ ވާނީ އަޅުގަނޑުމެން ދެޕާޓީން މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ. ފެބްރުއަރީ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ކުރިން ޖަލްސާ ބޭއްވޭނެ.

ހަސަން ލަތީފް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫއްޕުން އެ ގްރޫއްޕުގެ މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް މި މަހުގެ 28 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މެންބަރުން މާލޭގައި ތިބުމަށް ވެސް ވަނީ އެދިފައެވެ.

ޖަލްސާގައި އެޖެންޑާ ކުރަން މަޝްވަރާ ކުރެވިފައި ހުރި ކަންތައްތަކުގެ ތެރޭގައި، ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމާއި، އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އަދި ވުޒާރާތަކުގެ މެންޑޭޓް އަދި ފުރަތަމަ ކިއުން އިއްވަން ހުރި ބިލް އަދި ގަރާރުގެ މަސައްކަތް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.