ތާރީޚީ ބާބްރީ މިސްކިތް ހުރި ތަނުގައި ބިނާކުރި ރާމް ފައްޅި، މޯދީ ރަސްމީކޮށް ހުޅުއްވައި ދެއްވައިފި

ތާރީޚީ ބާބްރީ މިސްކިތް ހުރި ތަނުގައި ބިނާކުރި ރާމް ފައްޅި، މޯދީ ރަސްމީކޮށް ހުޅުއްވައި ދެއްވައިފި

16 ވަނަ ގަރުނުގައި ބިނާކުރި އިންޑިއާގެ ތާރީޚީ ބާބްރި މިސްކިތް ތަޅާލުމަށްފަހު، އެ މިސްކިތް ހުރި ތަނުގައި ބިނާކޮށްފައިވާ، ހިންދޫންގެ ރާމް ޓެމްޕްލް ކުލަގަދަ ރަސްމިއްޔާތަކާއެކު މިއަދު ހުޅުވައިފިއެވެ.

އިންޑިއާގެ ސިޓީއެއް ކަމުގައިވާ އަޔޯދާގައި ބިނާކުރެވުނު މި ފައްޅި ހުޅުއްވާދެއްވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ރާމް ފައްޅި ހުޅުއްވާ ދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި މޯދީ ވިދާޅުވީ މިއީ އިންޑިއާއަށް "އާ ޒަމާނެއް" ފެށުނު ކަމަށެވެ.

އިންޑިއާގެ އަޔޯދްޔާގައި މިއަދު ބޭއްވި މި ހަރަކާތުގައި މަޝްހޫރު ފިލްމީ ތަރިންނާއި ކްރިކެޓް ކުޅުންތެރިން ވެސް ބައިވެރިވިއެވެ. އެހެންނަމަވެސް މި ރަސްމިއްޔާތުގައި ނަމަވެސް ބައެއް ހިންދޫ ބައެއް އިސްފަރާތްތަކާއި، އިދިކޮޅު ގިނަ ބަޔަކު ރަސްމިއްޔާތު ބޮއިކޮޓް ކުރީ މި ފައްޅު ވުމުން މޯދީ ސިޔާސީ މަންފާ ހާސިލްކުރައްވަން އުޅުއްވާކަމަށް ތުހުމަތު ކޮށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގައި އާންމު އިންތިހާބެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މޯދީގެ ސިޔާސީ ވާދަވެރިން ބުނަނީ އާބާދީގެ 80 އިންސައްތަ އަކީ ހިންދޫން ދިރިއުޅޭ ގައުމެއްގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އެ ތަނުގެ ނަމުގައި ވޯޓު ހޯދާނެ ކަމަށެވެ.

އަދި ގާނޫނު އަސާސީގައިވާ ގޮތުން ސެކިއުލާ ގައުމެއްގައި ދީނީ އުފަލެއް ގެނައުމުގެ ބޭނުން ސަރުކާރުން ހިފާފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

މި ފައްޅި ހުޅުވުމަށް ބޭއްވުނު އަޅުކަމުގެ އިހުތިފާލްތަކަށްފަހު މޯދީ ވިދާޅުވީ މިއަދުގެ ތާރީހުގައި ލިޔެވިގެންދާނެ ދުވަހެއް ކަމުގައެވެ.

އެތައް އަހަރެއްގެ ޖިހާދާއި އެތައް ގުރުބާނީއަކަށް ފަހު ރާމް [ގެއަށް] ވަޑައިގެންފި. މިތާރީޚީ މުނާސަބަތުގައި ޤައުމުގެ ކޮންމެ ރައްޔިތަކަށްވެސް ތަހުނިޔާ ދަންނަވަން.

މޯދީ ވިދާޅުވިއެވެ.

16 ވަނަ ގަރުނުގައި ބިނާކުރި އިންޑިއާގެ ތާރީޚީ ބާބްރި މިސްކިތް ތަޅާލުމަށްފަހު، އެ މިސްކިތް ހުރި ތަނުގައި ބިނާކޮށްފައިވާ، ހިންދޫންގެ ރާމް ޓެމްޕްލް ހުޅުވުމަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީވަނީ 11 ދުވަސް ރޯދަ ހިފުމާއި އަޅުކަމަށް ޚާއްސަ ކޮށްފައެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، ރާމް ޓެމްޕްލް ރަސްމީކޮށް ހުޅުވުމުގެ ކުރިން، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހިންދޫ ދީނީ އަޅުކަމުގެ ގޮތުގައި 11 ދުވަސް ޚާއްސަކޮށް، އަޅުކަމުގެ ގޮތުގައި ރޯދަ ހިފާ އަޅުކަން ކުރައްވަމުން ގެންދަވާފައެވެ.

ދީނީ އަޅުކަމަށް 11 ދުވަސް ޚާއްސަ ކުރެއްވިކަން އިއުލާނު ކުރައްވަމުން މޯދީ ވިދާޅުވީ "ކަލާނގެ އަހަރެންނަކީ އިންޑިއާގެ ހުރިހާ ރައްޔިތުން ތަމްސީލުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ހައްދަވާފައިވާ" ކަމަށެވެ.

"އަދި ތިޔަ ހުރިހާ ބޭފުޅުންގެ ކިބައިން ބަރަކާތަށް އެދެން" މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ ބާނީން ކަމަށްވާ މަހާތުމާ ގާންދީ އާއި ޖަވާހަރްލާލް ނެހްރޫ ފަދަ ބޭފުޅުން އުފެއްދެވި އިންޑިއާއަކީ އެގައުމުގެ ގާނޫނުގެ ދަށުން ހުރިހާ ދީންތަކެއް ހަމަހަމަކޮށް، ވިސްނުމާއި ފިކުރު ތަފާތު ނަމަވެސް ސެކިއުލާ (ހުރިހާ ދީނަކަށް ފުރުސަތުދޭ) ގައުމަކެވެ. އެހެންކަމުން މޯދީ ހިންދޫންގެ ދީނީ އަޅުކަންތަކަށް ވަޑައިގެންނެވުން އަބަދުވެސް އޮންނަކީ ގިނަބައެއްގެ ސަމާލުކަމަށް އައިސްފައެވެ.

2014 ވަނަ އަހަރު މޯދީ ވެރިކަމަށް ވަޑައިގެންނެވީ އެގައުމުގެ އިގްތިސާދު އިސްލާހުކޮށް ތަރައްގީގެ އާ ޒަމާނެއް ފައްޓަވާނެ ކަމުގެ ވައުދާއެކުއެވެ. ނަމަވެސް މޯދީގެ ސިޔާސީ ހަޔާތުގައި އޭނާ ވަނީ ހިންދުތުވާ (އިންޑިއާއަކީ ހިންދޫންގެ ގައުމަކަށް ހެދުމުގެ) އެޖެންޑާއަކަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފަ އެވެ.

ވެރިކަމުގައި ހުންނަވަނިކޮށް މޯދީގެ ޕާޓީން ވަނީ އަޔޯދިޔާގައި ރާމް މަންދީރު (ރާމް ޓެމްޕަލް) އެޅުމަށް ބާރުއަޅާ، މޯދީއަށް ތާއީދުކުރާ ފަރާތްތަކަށް އޭނާ ވީ ވައުދެއްގެ ގޮތުގައި އެކަން ފުރިހަމަ ކުރުމަށް ބާރު އަޅާފައެވެ.

މިއަދު ރާމް ޓެމްޕަލް ހުޅުވުމުން، މޯދީ އެތައް މިލިއަން ސަޕޯޓަރުންނަށް ވެވަޑައިގެންނެވި ވައުދު ހަގީގަތަކަށް ހަދައި، އޭގެ ސަބަބުން މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގައި ތިން ވަނަ ދައުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު މޯދީއަށް ބޮޑުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރާމް ޓެމްޕަން ބިނާ ކޮށްފައިވަނީ އިންޑިއާގެ އިންޖިނިއަރިން ގްރޫޕެއް ކަމަށްވާ ލާސަން އެންޑް ޓޫބްރޯ އިން 70 އޭކަރު (28 ހެކްޓަރު) ގެ ބިމެއްގައެވެ. މި ޓެމްޕަލް ހެދުމަށް ގާތްގަނޑަކަށް 15 ބިލިއަން ރުޕީސް (180 މިލިއަން ޑޮލަރު) ހަރަދުވާނެ ކަމަށް ބެލެވެ އެވެ.

މުޅި ޓެމްޕްލް ބިނާކުރުމަށް ސަރުކާރުން ފައިސާ ދީފައި ނުވާއިރު، އެ ކޮމްޕްލެކްސް އަށް ގާތްގަނޑަކަށް 30 ބިލިއަން ރުޕީސް (361 މިލިއަން ޑޮލަރު) އެހީވެދޭ ފަރާތްތަކުން ވަނީ ދީފައެވެ.

މި ޓެމްޕްލްގެ ކުރެހުންތަކާއި އާރޓް ވާރކްތައް ހެދުމަށް އިންޑިއާގެ އެކި ކަންކޮޅުތަކުން އާޓިސްޓުން ހޮވާފައި ވާއިރު، އެގައުމުގެ ތަފާތު ސަގާފަތުތައް ދައްކުވައިދޭ އާޓްވޯކާއި ކުރެހުންތައް ހަދާ، އެ ތަނުގެ އެތެރޭގެ ތަންތަން ރަނުން ޒީނަތްތެރި ކޮށްފައި ވެއެވެ.

މި ފައްޅީގެ ތެރޭގައި ލޯރޑް ރާމް (ހިންދޫންގެ ކަލާނގެ) ގެ ބޮޑު 3 ބުދު ބަހައްޓާފައި ވެއެވެ. ކަޅު ހިލައިގެ ހަދާފައިވާ މި ބުދުތަކުގެ ބަރުދަނުގައި 150-200 ކިލޯގްރާމް (440 ޕައުންޑް) ހުންނައިރު، މި ބުދު ދައްކުވައިދެނީ ފަސް އަހަރުގެ ކުއްޖެއްގެ ސިފައިގައެވެ.

16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ބާބްރި މިސްކިތް ހިންދޫން އެކްޓިވިސްޓުން ތަޅާލީ 1992 ވަނަ އަހަރުއެވެ. އެ މިސްކިތް ތަޅާލުމާއެކު އުފެދުނު ހަމަނުޖެހުންތަކުގައު އިންޑިއާގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 2،000 މީހުން ވަނީ މަރުވެފަ އެވެ.

މިސްކިތްބ ތަޅާލުމުގެ މައްސަލަ އިންޑިއާގެ ސުޕްރިމް ކޯޓުން ނިންމާފައިވަނީ 10 އަހަރު މައްސަލަ ކޯޓު މަރުހަލާގައި ކުރިޔަށް ދިއުމަށްފަހުއެވެ. އިންޑިއާގެ ސުޕްރިމް ކޯޓުން ނިންމާފައިވަނީ ހިންދޫން މިސްކިތްތަޅާލުން އެގައުމުގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފް ކަމަށެވެ. އަދި ސުޕްރިމް ކޯޓުން ނިންމާފައިވަނީ މުސްލިމުންނަށް މިސްކިތެއް ބިނާކުރުމަށް އެހެން ބިމެއްދީ، ބާބްރީ މިސްކިތް ހުރި ބިމުގައި ހިންދޫންގެ ފައްޅި އެޅުމަށް ހުއްދަ ދިނުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *