ހަވާލުވާނެ މީހަކު ނެތި މޯޗަރީގައި އޮތް 2 ބިދޭސީއެއްގެ ހަށިގަނޑު މޯޗަރީ ފީ މާފުކޮށްދީފި

ހަވާލުވާނެ މީހަކު ނެތި މޯޗަރީގައި އޮތް 2 ބިދޭސީއެއްގެ ހަށިގަނޑު މޯޗަރީ ފީ މާފުކޮށްދީފި

ހަވާލުވާނެ މީހަކު ނެތި މާލޭގެ ގަލޮޅު މޯޗަރީގައި އޮތް ބަންގްލަދޭޝް ދެ މީހެއްގެ ހަށިގަނޑު ނެރެން ދައްކަން ޖެހޭ ފައިސާ މާފުކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން މާފުކޮށްދީފައި ވަނީ 20،000 ރުފިޔާއެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ އެކްޓިންގ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ، މާލެ ސިޓީގެ މޯޗަރީގައި އޮތް ލިޔެ ކިޔުމެއް ނެތް ބަންގްލަދޭޝް ދެ ރައްޔިތެއް އޮތް އިރު، އެމީހުންނަށް ޒިންމާ ވާނެ ބަޔަކު ނެތް ކަމަށެވެ.

ބަންގްލަދޭޝްގެ އެ ދެ ރައްޔިތުންނަކީ ޒުހުރުލް އިސްލާހު ނަމަކަށް ކިޔާ މީހަކާއި މަލިކު އަލީ ނަމަކަށް ކިޔާ މީހެކެވެ. މި ދެ ހަށިގަނޑު މޯޗަރީގައި އޮންނަތާ މިހާރު ދެ މަސް ދުވަސްވެއްޖެއެވެ. މޯޗަރީ ފީ ނުދެއްކޭނެ ކަން އެމީހުންގެ އާއިލާ އިން ވެސް އަންގާފައިވާ ކަމަށްވެއެވެ.

"މި ފީ ނުދެއްކިގެން ނުގެންދެވިގެން މި އުޅެނީ، ގެންދިއުމުގެ ހުރިހާ ހަރަދެއް ހައިކޮމިޝަނަރާއި އާއިލާއާ ގުޅިގެން ހަމަޖައްސާފައި ވަނީ، އެހެން ނަމަވެސް ފީ އެގޮތަށް ނުނިމި ކުރިއަށް ނުގެންދެވިފައި ވަނީ،" ނަރީޝް ވިދާޅުވިއެވެ.

ދެ ހަށިގަނޑު ވީހާވެސް އަވަހަށް ބަންގްލަދޭޝް އަށް ފޮނުވާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މޯޗަރީ ފީ މާފް ކޮށްދިނުމަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާންއެވެ. އެ ހުށަހެޅުމަށް ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ތާއީދު ކުރެއްވިއެވެ.

އައިފާން ވިދާޅުވީ ދިގު ދަންމައިގެން މަރުވެފައި އޮތް މައްޔިތެއް ތަޅުވައި ހެދުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެއީ ދީނީ ގޮތުން ވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާތީ މިކަމުގައި ދެވެން އޮތް އެންމެ ލުޔެއްދީ، މިކަމުގައި އަވަސް ހައްލެއް ހޯދައިދީ މިކަން ކޮންމެ ވެސް ގޮތަކަށް ނިމޭނެ ގޮތަކަށް ހުށަހަޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ގައުމަށް ގެންދެވެންދެން މޯޗަރީގައި ބާއްވާ ބިދޭސީންގެ މޯޗަރީ ފީ އާންމުކޮށް ދައްކަނީ އެ ބިދޭސީއަކު ރާއްޖެ ގެންނަ އެޖެންޓު ކަމަށެވެ. ނަމަވެސް، މި މައްސަލާގައި ގޮތެއް ނިންމަން ޖެހުނީ ހަށިގަނޑު މޯޗަރީގައި އޮންނަތާ ގިނަ ދުވަސްތަކެއްވުމާއި އޭނާއާ ރާއްޖެއިން ހަވާލުވާނެ މީހަކު ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *