މިލަދޫ ބަނދަރަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސްފި

މިލަދޫ ބަނދަރަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 10:06
0

ނ.މިލަދޫގައި އެމްޓީސީސީން ތަރައްޤީ ކުރަމުންދާ ބަނދަރަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން މިއަދު ވަނީ މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. ނ.މިލަދޫގެ 300 ފޫޓުގެ ބަނދަރަކީ ރާއްޖޭގެ ރަށްރަށުގައި ހަދާފައިވާ ބަނދަރުތަކަށް ބަލާއިރު، ނިސްބަތުން އެންމެ ކުޑަ އެއް ބަނދަރެވެ. އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި 2006 ވަނަ އަހަރުއެވެ. ނަމަވެސް ބަނދަރުގެ މަސައްކަތް މުޅިން ނުނިމި، އެކަމުގެ ފުރިހަމަ މަންފާ ރަށުގެ ރައްޔިތުންނަށް މިއަދާއި ހަމައަށްވެސް ލިބިފައިނުވާކަމަށް މިލަދޫ ރަށު ކައުންސިލުން ވިދާޅުވެއެވެ.

މިލަދޫ ބަނދަރު މިހާރު ބޭނުންކުރާ ބަނދަރާއި ގުޅާލައި، 500 ފޫޓު އިތުރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާއިރު، މި މަސައްކަތުގެ ދަށުން ބަނދަރުގެ ބަންދުވޯލް ޖަހައި، ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓްގައި 500 ފޫޓުގެ އެއްގަމު ތޮށި ލުމާއި، ބޭރު ހިލަތޮށި ޖެހުމާއި، ނެރުހެދުމާއި، ބަނދަރުގައި ޕޭވްމަންޓްހެދުމާއި ލައިޓްޖެހުން ހިމެނެއެވެ. އަދި ބޮޑެތި ބާޖުތައް ކައިރި ކުރެވޭގޮތަށް ރޭމްޕްލުން ހިމެނެއެވެ. މިލަދޫގެ ބަނދަރު އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މިލަދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވާއިރު، މިއީ ދައުލަތުގެ ބަޖެޓުން 42 މިލިއަން ރުފިޔާ ޚަރަދުކުރައްވާ ތަރައްޤީގެ މަޝްރޫޢުއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.