ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ މަސައްކަތް ފެށުމާއިއެކު އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ އެމްއާރުއެމް ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުގެ މަޤާމު ފުރުއްވަމުންދާ ޒަހާ ވަހީދު މަޤާމުން ވަކި ކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މަސްވެރިކަމަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ގެނައުމަށް މިނިސްޓަރ ޒަހާ މަސައްކަތް ނުކުރައްވާކަމަށް ވިދާޅުވެ ހަލީމް ވިދާޅުވީ މަސްވެރިންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ނުފުއްދިގެން އުޅެނީ އެމްޑީޕީގެ ސިޔާސަތާއި ބީރައްޓެހި ވަޒީރަކު އެމަޤާމުގައި ހުންނެވުމުންކަމަށެވެ. ޒަހާއަށް މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ނުގެނެވި ދާއިރާއަަށް ބީރައްޓެހި ވުމުން ވައުދުތައް ފުއްދުމުގައި މިވީ ދެ އަހަރު ވަރަށްބޮޑަށް ކަންބޮޑުވުން އޮތްކަމަށް ހަލީމް ވިދާޅުވިއެވެ.
އަޅުގަނޑުމެން މަޖިލިސް ފެށުމާއިއެކު އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ ފިޝަރީޒް މިނިސްޓަރ ޒަހާ މަޤާމުން ވަކިކުރުން. އަޅުގަނޑުމެން އެކަން ކުރާނަން. މަސްވެރިންގެ ކަންބޮޑުވުމަށް މިއަދު ހައްލެއް ނުލިބޭ. މިކަން ކުރެވޭނީ އެމްޑީޕީގެ ސިޔާސަތު ދަންނަ ބޭފުޅަކު ލައިގެން.
– ހަލީމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދު ނަހަދާތީ މިނިސްޓަރ ޒަހާ ޤާނޫނީ ޒިންމާ އަދާނުކުރައްވާތީ ޒަހާ މަޤާމުން ވަކިކުރުމަށް މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތީން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން މަޖިލިސް ތެރެއިން ކުރެވިފައި ނުވެއެވެ.
މަސްވެރިންގެ ހާލަތު ނުބަލައި މަސްވެރިންނަށް ޙައްޤު މިންވަރު ހޯދައިދިނުމުގައި ފިޝަރީޒް މިނިސްޓްރީ ފެއިލްވެފައިވާ ކަމަށް ބުނެ މިނިސްޓަރުގެ މަގާމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޒަހާ އިސްތިއުފާ ދެއްވުމަށް މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ގޮވާލައްވާފައި ވެއެވެ.
މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދު ނަހަދާތީ މިނިސްޓަރ ޒަހާ ޤާނޫނީ ޒިންމާ އަދާނުކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޤަވާއިދު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް ލިބިވަޑައިގެންފައިއިވާކަމަށެވެ. މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދުތައް ހަދާފައި ނުވާތީ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ބެލި މައްސަލައިގަ ކޮމިޓީންވަނީ ޤަވާއިދު ހެދުމަށް މިނިސްޓަރ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ ޤަވާއިދު ހެދުމަށްފަހު މިހާރު ގެޒެޓް ކޮށްފައެވެ. ނަމަވެސް މަސްވެރިކަމުގެ ޤާނޫނުގައި ހުރި ކަންކަން ތަންފީޒު ނުވާތީ ޒަހާވަަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ވެފައެވެ.
ކޮމެންޓު ފޮނުވާ