ހަފްތާ 14″ ނަމުގައި އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފުރިހަމަކޮށް ދިނުމަށް ކަނޑައަޅާފައިވާ 161 ކަމެއްގެ މައްޗަށް އެކުލެވޭ މަގުޗާރޓުގައި، ރައީސް ސާލިހުގެ ސަރުކާރުން ބޭރުގެ ގައުމުތަކާއެކީ ވެފައިވާ "ސިއްރު" އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުމަށް ހިމަނައިފިއެވެ.
އިންތިޚާބީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ޕްލޭން ކޮށްފައިވާ ކަންކަމުގެ މައްޗަށް އެކުލެވޭ ރޯޑް މެޕް ރޭ އިއުލާން ކުރައްވާފައިވަނީ ދަރުބާރު ގޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. އެހަފްލާގައި 100 ދުވަހުގެ ރޯޑް މެޕް އިއުލާން ކުރައްވާފައިވަނީ "ހަފްތާ 14″ ގެ ނަމުގައެވެ.
އިންތިޚާބީ ސަރުކާރުގެ ފުރަތަމަ 4 ހަފްތާ ތެރޭގައި އެއްބަސްވުންތައް އިސްލާހު ކުރަން ފަށާއިރު، މިމަސައްކަތް ހިމަނާފައިވަނީ މަގުޗާޓުގެ ދެވަނަ އައިޓަމެއްގެ ގޮތުގައެވެ. މިމަސައްކަތަށް މަގު ޗާރޓުގައި ދީފައިވާ މުއްދަތަކީ 4 ހަފްތާއެވެ.
އޭގެ އިތުރުން މި މަގު ޗާޓުގައިވަނީ "ދިވެހި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން" އެންމެ ފުރަތަމަ އައިޓަމެއްގެ ގޮތުގައި ހިމަނާފައެވެ. މިކަމަކީ އިންތިޚާބީ ރައީސްވެރިކަމުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފަށާ މަސައްކަތެއްގެ ގޮތުގައި މަގުޗާޓުގައި ހިމަނާފައިވާ މަސައްކަތެކެވެ.
މިމަގު ޗާޓުގައިވާގޮތުން، ޑރ. މުއިއްޒުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ހާސިކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ މަގުޗާޓުގެ 3 ވަނަ އައިޓަމެއްގެ ގޮތުގައި ހިމަނާފައިވަނީ "ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިންޓަރނޭޝަނަލް ޓްރިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުން" އެވެ.
މި ތިން ކަމަކީވެސް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި ވެފައިވާ ވަރަށް މުހިންމު ތިން ވައުދުކަން ފާހަގަ ކޮށްލެވެއެވެ.
ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ހަފްތާ 14″ ނަމުގައި މި މަގު ޗާޓް އިފްތިތާހް ކުރެއްވީ އިންތިހާބީ ރައީސް މުއިއްޒެވެ. އެ މަގު ޗާޓުގައި 161 ވައުދު ފުރިހަމަކުރުމަށް ހިމެނެއެވެ. އެ ޗާޓުގެ މަސައްކަތް ބަހާލާފައިވަނީ އަށް ދާއިރާއަކަށެވެ.
އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ
މިނިވަންކަމާއި ސިޔާދަތު
އިސްލާމް ދީނާއި ގައުމިއްޔަތު
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ
އިގްތިސާދާއި ތިމާވެށި
އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު
ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމައު
ތައުލީމާއި ތަމްރީނު
ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހު
ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީމ "ހަފްތާ 14″ ނަމުގައި އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފުރިހަމަކޮށް ދިނުމަށް ކަނޑައަޅާފައިވާ 161 ކަންތައްތަކަށް ވުރެ ގިނަ ކަންކަން އެ މުއްދަތުގައި ހާސިލް ކުރައްވާނެ ކަމުގައެވެ.