ރައީސް ޔާމީނުގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު

ރައީސް ޔާމީނުގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2023 08:45
0

ޕީއެމްގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް އާދީއްތަދުވަހަށް ތާވަލުކޮށްފިއެވެ.

2022 ވަނަ އަހަރުގެ ޑިސެންބަރު 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން މި އަހަރުގެ ފެބްރުއަރީ މަހުގައި އިސްތިއުނާފުކުރެއްވި ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވެއެވެ.

ޕީޕީއެމްގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުކަމަށް އެމަނިކުފާނު ކަނޑައަޅައި ޕާޓީގެ ޓިކެޓު ދީފައިވީ ނަމަވެސް އިސްތިއުނާފު މައްސަލަ ނުނިމި ލަސްވުމުގެ ސަބަބުން އެމަނިކުފާނަށް އިންތިޚާބުގައި ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިނުވެއެވެ.

މި މައްސަލާގައި މިހާރު ކުރިއަށްދަނީ އެ މައްސަލާގައި ހިމެނޭ ދެ ޤަޟިއްޔާގެ ތެރެއިން މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅި މައްސަލާގައި ދެ ފަރާތުން ހުށަހެޅި ނުކުތާތަކާމެދު ބަހުސްކުރުމުގެ މަރުހަލާއެވެ. މިހާތަނަށް މި ޤަޟިއްޔާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވަނީ އެމަނިކުފާނުގެ ނަމުގައި އެކައުންޓެއް ހުޅުއްވާފައި ހުރި ބޭންކުގެ ގޮފި ބަންދުކުރަން ނިންމުމުން އެހެން ބޭންކަކަށް އެ ފައިސާ ބަދަލުކުރުމަކީ ފައިސާގެ އަސްލު އޮޅުވައިލުމުގެ އަމަލެއް ނޫން ކަމަށެވެ.

ނަމަވެސް ދައުލަތުން ތަކުރާރުކޮށް ވަކާލާތުކުރަނީ އެމަނިކުފާނުގެ އަމިއްލަފުޅު ދެ އެކައުންޓެއްގެ މެދުގައި ފައިސާ ބަދަލުކުރެއްވުމުގެ މުއާމަލާތަކީ އެ ފައިސާގެ އަސްލު އޮޅުވައިލެއްވުމަށް ހިންގެވި މުއާމަލާތެއް ކަމަށެވެ.

ޖަލު ހުކުމަށްފަހު މާފުށީ ޖަލުގައި ހުންނެވުމަށްފަހު އެމަނިކުފާނު ގެކޮޅަށް ބަދަލުކުރީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ތާއީދާއެކު ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.