ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާ އިގްތިސާދަކަށް ހެދޭނީ އިގްތިސާދުގެ މައިގަނޑު އަސާސްތައް ރަނގަޅުކޮށްގެން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ އިސްވެ، ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައި މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، އެއްވެސް އިތުރު ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށެވެ. އެކަމަކު، މިހާރު ހުރި ޓެކްސް ބޭސް ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިގްތިސާދު ކުރިއެރުވޭނީ ރިކަރަންޓު ހަރަދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ނެގުން ހުއްޓުމަކަށް ގެނެސް، ޓެކްސް ފައިސާ އިން ހަރަދުތައް ބަލަހައްޓައިގެން ކަމަށެވެ.
"އަޅުގަނޑުމެން ދަރަނި މި ވަނީ އިންތިހާ އަށް މައްޗަށް ގޮސްފައި. އެހެންވެ ދެމެހެއްޓެނިވި ލެވަލްއަކަށް ތިރި ކުރަން ޖެހޭ. އެކަން ކުރާނަން. ފައިސާ ޗާޕްކޮށްގެން ހަރަދު ކުރުން ނިމުމަކަށް ގެންނަން ޖެހޭ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ފައިސާ ޗާޕްކޮށްގެން ހަރަދު ކުރުން ނިމުމަކަށް ނުގެނެސްފި ނަމަ، އިގްތިސާދު ހޭރިޔާ ވެގެން ދިއުން ނިމުމަކަށް ނުގެނެވޭނެ ކަމަށެވެ. އަދި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެގެންދާ ދިއުން ހަމައަކަށް އަޅުވަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އެކްސްޗޭންޖް ރޭޓް ވަކިން ކޮންޓްރޯލްއެއްގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ. އޭރުން އިގްތިސާދު ރަނގަޅު ވާނެ، އިންވެސްޓަރުންނަށް ކޮންފިޑެންސް ލިބޭނެ. މަސްވެރިކަމުގެ ސިނާއަތު ކުރިއެރުން ލިބޭނެ. މައި އެއާޕޯޓު ނިމުމަކީ އެންމެ މުހިންމު އެއް ކަންތައް." މުއިއްޒު ވިދާޅުވިއެވެ.
އިތުރު ޓެކުހެއް ތައާރަފް ކުރާނެތޯ ޕްރެޒެންޓަރު ކުރި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ