ނައިފަރު ރައްޔިތުން އެދުނު ގޮތަށް އެރަށުގެ ބިމުގެ ޖާގަ ބޮޑުކުރުމަށް 45 ހެކްޓަރުގެ ބިން ހިއްކައި އެރަށުގެ ރައްޔިތުން އެދުނު ތަރައްޤީގެ މަސައްކަތްތައް ކޮށްދެއްވާނެ ކަމުގެ ވަޢުދު ޑރ.މުއިއްޒު ވެވަޑައިގެންފިއެވެ.
ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިސަރުކާރުން ވަނީ ނައިފަރަށް ވަރަށް ބޮޑަށް އިހުމާލު ވެފައިކަމަށެވެ. ނައިފަރުގައި އެންމެ އަސާސީ ޚިދުމަތްވެސް ލިބެން ނެތްއިރު ރައްޔިތުން ތިބީ ވަރަށް ބޮޑަށް މިކަންކަން ބޭނުން ވެފައިކަމަށެވެ. މުއިއްޒު އެންމެ ފުރަތަމަވެސް ދެއްވި ޔަގީންކަމަކީ ނައިފަރުގެ ރައްޔިތުން އެންމެ ބޮޑަށް ތަހައްމަލް ކުރަމުންދާ ފެނާއި، ނަރުދަމާގެ މައްސަލަ ހައްލުކޮށް ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަމަށެވެ.
އޭގެ ފަހުން މުއިއްޒު ވަނީ ނައިފަރުގެ ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލުކޮށް ދެއްވުމަށް އެރަށުގެ ފަޅުން ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކައި ދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން 45 ހެކްޓަރުގެ ބިން ހިއްކައި ދެއްވާނެކަމަށް ވަނީ ވައުދުވެ ވަޑައިގެންފައެވެ.
މުއިއްޒު ނައިފަރަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް:
– ފެނާއި، ކަރަންޓާއި ނަރުދަމާގެ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭނަން
– 45 ހެކްޓަރުގެ ބިން ހިއްކަ ދޭނަން
– 40 ޓަނުގެ އައިސްޕްލާންޓެއް
– މަގުތައް ޒަމާނީ ފެންވަރަކަށް ހަދާ ދޭނަން
– ސިއްޚީ މައްސަލަތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދޭނަން
– ސްލިޕްވޭއެއް ހަދާދޭނަން
– ފީފާ އެޕްރޫވް ފުޓުބޯޅަ ދަނޑެއް އަޅާދޭނަން
– ނޭޝަނަލް ޔުނިވާސިޓީގެ ކެމްޕަހެއް ހަދާނަން
– އިސްލާމީ މަރުކަޒެއް އަޅާދޭނަން
މީގެ އިތުރުން މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ހައްޖަށް ދިއުމަށް ރާއްޖެއަށް ލިބިފައިވާ ކޯޓާ އިތުރު ކޮށްދެއްވުމަށް ވެރިކަމަށް ވަޑައިގެން ފުރަތަމަ އަހަރުގެ ތެރޭގައިވެސް މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން މިހާރު ލިބޭ 1،000 ކޯޓާ 2،000 ކޯޓާއަށް އިތުރު ކޮށް ދެއްވުމަށް މަސައްކަތް ކޮށް ދެެއްވާނެކަމަށެވެ.
ހަމަ މިއާއިއެކު ވަޅު ޖެހިފައިވާ މަސްވެރިކަން އަލުން ކޮޅަށް ޖަހައި މަސްވެރިންގެ އުންމީދުތައް ހާސިލް ކުރައްވާނެކަމުގެ ޔަގީންކަންވެސް މުއިއްޒު ވަނީ ދެއްވާފައެވެ.