ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، އެންމެ ގިނަ ހައުސިން ޔުނިޓް އަޅާނެ އެއް ރަށަށް ބ. އޭދަފުށި ވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި މުއިއްޒު ވަނީ ވަނީ ކުރިއަށް އޮތް ފަސް އަހަރު، އޭދަފުށީގައި ފުރިހަމަކޮށް ދެއްވާނެ ކަންކަން އިއުލާން ކުރައްވައިފައެވެ.
މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މި ރަށުގެ ތަރައްގީ އަށް ހިއްކި ބިމުގެ ބޭނުމެއް ނުހިފުނު ކަމަށެވެ. ޕީޕީއެމް/ޕީއެންސީގެ އެންމެ މުހިންމު ސިޔާސަތަކީ ބޯހިޔާވަހިކަން ކަމަށާއި އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަވައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ މުޅި ގައުމީ ހައުސިން ޕޮލިސީގެ ތެރެއިން މުހިންމު ކަމެއް ދެވޭ، އެންމެ ގިނަ ހައުސިން ޔުނިޓް އެޅޭ އެއް ރަށް ކަމުގައި މި ރަށް ވެގެންދާނެ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ އިތުރު ވައުދުތަކުގެ ތެރޭގައި ބަނދަރު ހެދުމާއި ހިއްކި ބިން ތަރައްގީ ކުރުމާއި މާއްޑޫ އިހްތިސާސް ތެރޭގައި ހިމެނުމާއި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމު ކުރުމާއި ހަދަން ހުރި ހުރިހާ މަގެއް ހެދުމާއި ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ހެދުމާއި ކޮންވެންޝަން ސެންޓަރެއް އެޅުމާއި އާޓިފިޝަލް ބީޗެއް ހެދުން ހިމެނެއެވެ.