ގދ. ތިނަދޫ ފަޅުވި ހާދިސާއާއި ގުޅިގެން, ތިނަދޫ ރައްޔިތުންގެ ކިބައިން ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މައާފަށް އެދިވަޑައިގަންނަވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށް ފަޅުކޮށްލުމުގެ ކުރިން ތިނަދޫއަކީ މުއްސަނދި، ވިޔަފާރީގެ ގޮތުން ކުރިއަރާފައިވާ ތަރައްގީ ރަށެއް ކަމަށެވެ. އަދި ވިދާޅުވީ އެއިރު ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުން އަމަލު ކުރީ "އެއްވެސް ރައްޔިތަކާ ދޭތެރޭގައި އަމަލު ކުރަންވާނެ ގޮތަކަށް ނޫން" ކަމަށެވެ.
1960 ގެ ތެރޭގައި ތިނަދޫ ފަޅުވެގެންދިޔަ ހިތާމަވެރި ހާދިސާއެއް. އަޅުގަނޑު ދަންނަވާނީ އެއްވެސް ސަރުކާރަކުން ރައްޔިތަކާ ދޭތެރޭގައި އަމަލު ކުރަންވާނެ ގޮތަކެއް ނޫނޭ އެއިރުގެ ސަރުކާރުން ކަންކޮށްފައި އޮތީ. އެއީ މިއަދު ވެސް އެކަމާ ދޭތެރޭގައި މައާފަށް އެދެންޖެހޭ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ. "ސަރުކާރުގެ ވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމާ މައާފަށް އެދެން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތިނަދޫއަކީ އާދަޔާ ހިލާފް ރަށެއް ކަމަށެވެ. ތާރީހުގެ ތެރެއިން އެކަންކަން ފެންނަން އެބަހުރި ކަމަށާއި، ހަވަރު ތިނަދޫ ކިޔުނީ މީގެ 450 އަހަރު ކުރިން ބޮޑުތަކުރުފާނުގެ ރަސްކަމުގެ ތެރެއިން، ރަށް ބަލަހައްޓަން އެއިރުގެ ހަވަރުން ނުވަތަ އަސްކަރުންނާާއި ހަވާލުކުރުމުން ކަމަށެވެ. އަދި އެހިސާބުން ރަށުގެ ނަން ހަވަރު ތިނަދޫއަށް ބަދަލުވި ކަމަށާއި، އޭގެ ފަހުން 1912 ވަނަ އަހަރު ބައިނަލްއަގުވާމީ ފެންވަރުގެ ބޯހިމެނުމެއް ކުރިއަށް ގެންދިޔަ އިރު މާލެ ފިޔަވައި އާބާދީ ބޮޑު ރަށަކީ ތިނަދޫކަމަށް އެ ބޯހިމެނުމުން ދެއްކި ކަމަށެވެ. ރައީސް ވިދާޅުވީ މިހެން ކަން އޮތް އިރުގައި ރަށުގެ އުފެއްދުންތެރިކަމާ ހީވާގިކަމާ މަސައްކަތްތެރިކަމުގެ ރޮނގުން ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެއްގެ ގޮތުގައި ވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ތިނަދޫއާއި ދޭތެރޭގައި އެއިރު އަމަލުކޮށްފައިވަނީ އެއްވެސް ސަރުކާރަކުން ރައްޔިތަކާ ދޭތެރޭގައި އަމަލުކުރަންވާނޭ ގޮތަކަށް ނޫން ކަމަށެވެ. އެއީ މިއަދުވެސް އެކަމާއި ދޭތެރޭގައި މާފަށް އެދެންޖެހޭނެ ކަމެއްކަމަށާއި، ސަރުކާރުގެ ވެރިއެއްގެ ހައިސިއްޔަތުން ރައީސް ވަނީ އެކަމަށް މައާފަށް އެދިވަަޑައިގަންނަވާފައެވެ. ރައީސް ވިދާޅުވީ ތިނަދޫއަކީ އެކަމުގައި އެންމެ ބޮޑަށް އަނިޔާލިބުނު މީހުން ކަމަށާއި، އެއްވެސް ރައްޔިތަކު އެ އަނިޔާއާއި ކުރިމަތިލާން ބޭނުން ނުވާނެ ކަމަށާއި، ރާއްޖޭގެ ތާރީހުގައި ދެން އެފަދަ ކަމެއް ކުރިއަށް އޮތްތަނުގައި ހިނގަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މިސަރުކާރުން ތިނަދޫ ބަޢާވާތުގެ ކަންކަން ބަލަން ފެށި ނަމަވެސް އެމައްސަލައިގެ ކޮޅެއް މެދެއް އަދާއި ހަމައަށްވެސް ފެނިފައި ނުވެއެވެ.