ލ. ފޮނަދޫގައިވެސް ބޯހިޔާވަހިކަމަށް އިތުރު ހައުސިންގ ޔުނިޓްތަކެއް އަޅައި، ޒަމާނީ ފެންވަރަށް މަގުތައް ހައްދަވައި ދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ. ފޮނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެމަނިކުފާނު ވެރިކަމުގެ ދެވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ، ހައްދުންމައްޗަށާއި، ފޮނަދޫގެ ތަރައްޤީއަށް ގެންގުޅުއްވާ ތަޞައްވުރާއި ކޮށްދެއްވާނެ ކަންކަން ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ފޮނަދޫއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ރަށަކަށްވެފައި އެކި އޮފީސްތައް އެކި ޢިމާރާތްތަކުގައި ހިންގަމުންދާތީ، އެކަމަށް ލުޔެއް ހޯދައިދިނުމުގެގޮތުން އެރަށުގައި އޮފީސް ކޮމްޕްލެކްސްއެއް އަޅުއްވައިދެއްވާނެކަމަށެވެ. އަދި ގަމެކޭ އެއްފަދައިން ފޮނަދޫގައިވެސް ހައުސިންގ މަޝްރޫޢެއް ހިންގަވައިދެއްވާނެކަމަށާއި، ބާކީ ނުހެދިހުރި ހުރިހާ މަގުތަކެއް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ހައްދުންމަތީ ގަމާއި ފޮނަދޫއަކީ ކުރިއޮތް ދައުރަށް އިންތިޚާބުވެއްޖެނަމަ، ބޮޑު ބަދަލެއް ގެނައުމަށް އެމް.ޑީ.ޕީން ވިސްނާފައިވާ ސަރަޙައްދެއްކަމަށް ވިދާޅުވެފައެވެ. އަދި މި ސަރަޙައްދުގެ ތަރައްޤީގެ އަމާޒަކީ ކުރިއަށްއޮތް 10 އަހަރުގެ ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް ބަދަލުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހައްދުންމަތީގެ ވެރިކަން ކުރާ ރަށް ފޮނަދޫގެ ތަރައްޤީއަށް އިތުރަށް ކޮށްދެއްވާނެކަންކަން ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ތަޢުލީމީ މަރުކަޒަށް ބޭނުންވާ އޮފީސް ޢިމާރާތާއި އެހެނިހެން ވަޞީލަތްތައް ޤާއިމުކޮށްދެއްވާނެކަމަށެވެ. އަދި ބަނދަރަށް ބޭނުންވާ ބަދަލުތައް ގެނެސްދެއްވާނެކަމަށާއި، ޒުވާނުން ބޭނުންވާގޮތަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގަމު ޓަރޝަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލަކީ މި އަމާޒަށް ވާޞިލުވުމަށް ސަރުކާރުން ހިންގަވާ މުހިންމު ދެ މަޝްރޫޢުކަމަށެވެ. އަދި އެއަރޕޯޓް އިންޓަރނޭޝަނަލްކޮށް، އެތަނުގައި ކޮމަރޝަލް ސީޕޯޓެއް ކުރިއަށްއޮތް ދައުރުގައި ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގަތެވެ.