ދައުލަތުގެ މުދަލާއި، މުވައްޒިފުންނާއި، ތަކެތި ބޭނުންކޮށްގެން ސަރުކާރުން ކެމްޕޭން ކުރަމުންދާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އޮތީ ނިދާފައިތޯ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް ށ.ނޫމަރާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއިް ބައްދަލު ކުރައްވައި ޤާސިމް ވިދާޅުވީ ކެމްޕޭނަށް ރަށްރަށަށް ދިއުމުން ދައުލަތުގެ މުދަލާއި ތަކެތި ބޭނުންކޮށްގެން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކުރާ މަސައްކަތް ފެންނަމުން ދާކަމަށެވެ. ދައުލަތުގެ ކުންފުނިތަކުގެ ހޮޅިތަކާއި، ލޯންޗުފަހަރާއި، އެނޫންވެސް ތަކެތި އިންތިހާއަށް ބޭނުންކޮށް އަދި ދައުލަތުގެ ކުންފުނިތަކާއި އިދާރާތަކުގެ މުވައްޒިފުން ބޭނުންކޮށް ކަމްޕޭން މަސައްކަތް ކުރާއީރު މިކަން ބަލާނެ ބަޔަކުވެސް ނެތްކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އޭސީސީއަކީ ދައުލަތުން ބޮޑު މުސާރަ ދީފައި މިފަދަ މައްސަލަތައް ބަލަން އޮތް ކޮމިޝަން ކަމަށެވެ. ނަމަވެސް އެކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބެވުން ފިޔަވައި ކުރާ ކަމެއް ނުފެންނަ ކަމަށެވެ. ރަށްރަށުގައި ސީދާ ވަކި މީހަކަށް ދައުލަތުގެ މުދާ ބޭނުންކޮށް ކެމްޕޭން ކުރާއިރު މިކަންކަން ހުއްޓުވަމަކީ އޭސީސީގެ ޒިންމާއެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އޭސީސީން ބަލަންވީީ ނޫންތޯ، އެތައް ހޮޅިއަކާއި އެތައް ތަނެއްގައި މަސައްކަތް ކުރަނީ ދައުލަތުގެ މުދަލުން. އޭސީސީން ވަޑައިގެން ބައްލަވާ. ކީއްވެފަތޯ ތިތިއްބަވަނީ ދައުލަތުގެ މުސާރަ ނަންވަގައިގެން.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ މި ބައްދަލުވުމުގައިވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި، މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޤާސިމް ވިދާޅުވީ ރާއްޖޭގެ އެތައް ހާސް ރައްޔިތުން ރައީސް ފޮނުވި ސިޓީއެއް ހާމަ ކުރަން އެދުމުން އެސިއްރު ކުރުމަކީ ރައީސަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެސިޓީއަކީ ޤައުމީ ސަލާމަތަށް ނުރައްކާ އޮތް ސިޓީއަކަށްވާނަމަ ސިޓީ މަޖިލީހުގެ 241 ކޮމެޓީއާއި ހިއްސާ ކުރަންޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ވެރިކަން ކުރުމުގެ ބާރު ލިބިގެންވަނީ ޤާނޫނު އަސާސީއާއި ޤާނޫނުގެ ތެރެއިން ކަމަށެވެ. ރައްޔިތުން އެދޭނަމަ ޤާނޫނީ އިމުގެ ތެރެއިން ހާމަކުރަން ނުޖެހޭ އެއްވެސް މައުލޫމާތެއް އޮވެގެން ނުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ ދައުލަތުގެ ދަރަނި 101 ބިލިޔަނަށް އެރުވި ބަޔަކަށް އިތުރު ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ