ތިލަމާލެ ބްރިޖުގެ ޕައިލިންގެ މަސައްކަތަށް އިތުރު ޕްލެޓްފޯމެއް ގެނެސް ބޭނުންކުރަން ފަށައިފިއެވެ.
ބްރިޖުގެ ޕައިލިން މަސައްކަތްކުރަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ އެއްގަމާއި މޫދުގެ ތިލަ ހިސާބުތަކާއި ފަޅުގެ ފުން ހިސާބުތަކާ އަދި ކަނޑުގެ އެންމެ ފުން ހިސާބުތަކުގައި އެކި ގޮތްގޮތަށެވެ. އެންމެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތަށް ކުރިން ބޭނުންކުރީ، މި މަޝްރޫއުގައި ބޭނުންކުރާ އެންމެ ބޮޑު ފްލޯޓިން ޕްލެޓްފޯމް "ރުމައިލާ" އެވެ. މޫދުގެ ތިލަ ހިސާބުތަކުގައި ޕައިލިންގެ މަސައްކަތަށް ބޭނުންކުރީ "މަހަރާނީ" ކިޔާ ޕްލެޓްފޯމެކެވެ.
ފަޅުގެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތްކުރަން ގެނެސް އިއްޔެ ބޭނުންކުރަން ފެށި "މަހަރާޖާ" ޕްލެޓްފޯމަކީ ބަރުދަނުގައި 650 ޓަނު ހުންނަ ޕްލެޓްފޯމެކެވެ. މިއީ 350 ޓަނުގެ ބަރު އެއްޗެހި އުފުއްލުމުގެ ގާބިލުކަން ލިބިފައިވާ ޕްލެޓްފޯމެކެވެ. ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ޕްލެޓްފޯމް ބޭނުންކޮށްގެން މާލެ އާއި ވިލިމާލެއާ ދެމެދު 24 ޕައިލެއްގެ މަސައްކަތް ކުރާނެއެވެ.
ދިގުމިނުގައި 8.177 މީޓަރު ހުންނަ މި ސެގްމެންޓްތަކަކީ ބްރިޖެއް އެޅުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ދިގު ސެގްމެންޓްތައް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން މާލޭގައި އެއްގަމުގައި ޖަހަން ޖެހޭ ތަނބުތަކުގައި މަސައްކަތް ނިމި، ސުޕަސްޓްރަކްޗާގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ގްރޭޓަރ ސަރަޙައްދަށް ބޮޑު ބަދަލެއް އިޤްތިޞާދީގޮތުންވެސް އަދި ޢުމްރަނީގޮތުންވެސް ގެނައުވާނެ މިމަޝްރޫޢު ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ. އަދި ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ 2024 ހުގެ ނިޔަލަށެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ