ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ޤައުމާއި ދީނަށް އެންމެބޮޑު ޚިދުމަތެއް ލިބޭނެކަމަށް ފެންނަނީ ރައީސް ޞާލިހުގެ ފަރާތުން ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބަށް ދެ މަސް ދުވަހަށް ވެފައިވާއިރު، ރައީސް ޞާލިހާއި އެންމެ ބޮޑަށް ވާދަކުރާނެ ކެނޑިޑޭޓް ކަމަށް ބެލެވޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެނޑިޑޭޓް ހުންނެވީ ޖަލު ހުކުމެއްގައެވެ. އެކޯލިޝަނުން ނެރޭނެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ބުނަމުން ދިޔަ ނަމަވެސް މިމައްސަލާގައި ކޯޓުން ވަކި ގޮތެއް ނުނިންމާހާ ހިނދަކު ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެއެވެ.
ޑރ.އިޔާޒު ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ޤައުމާއި ދީނަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެވޭނެ ކެނޑިޑޭޓަކަށް ފެންނަން ހުރީ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިހު ކަމަށެވެ.
2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިޢްލާން ކުރައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން، ޤައުމާއި ދީނަށް އެންމެބޮޑު ޚިދުމަތެއް ލިބޭނެކަމަށް ފެންނަނީ ރައީސް ޞާލިހުގެ ފަރާތުން. މާތް ރަސްކަލާންގެ އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން މިންވަރުކޮށްދެއްވާށި. އާމީން.
– ޝައިޚު ޑރ.އިޔާޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ރައިސް ޞާލިހާއިއެކު ދެވަނަ ދައުރަކަށް މަސައްކަތް ކުރަން އެންމެ ފުރަތަމަ ބައިއަތު ހިފީ އަދާލަތު ޕާޓީންނެވެ. އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވަނީ އެޕާޓީގެ އިލްމުވެރިންގެ މަަޖިލީހުގެ މަޝްވަރާގެ މަތީން ރައީސް ޞާލިހާއިއެކު ރިޔާސީ އިންތިޚާބުގައި ކުރިއަށް ދިއުމަށް ނިންމާފައެވެ.
ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިފަހަރުގެ އިންތިޚާބަކީ ބޮޑު ކޯލިޝަނަކުން ނިކުމެ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެ ފުރަތަމަ އިންތިޚާބަށް ވެގެންދާނެކަމަށެވެ.