ޕެނަލްޓީގައި ލުބްނާން ބަލިކޮށް އިންޑިޔާ ފައިނަލަށް

ޕެނަލްޓީގައި ލުބްނާން ބަލިކޮށް އިންޑިޔާ ފައިނަލަށް

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2023 10:20
0

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު މެޗުގައި ޕެނަލްޓީ ޖަހައިގެން ލުބްނާން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިޔާއިން ހޯދައިފިއެވެ.

ލުބްނާނާ އިންޑިޔާ މިރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތާ، އަދި އިތުރު ވަގުތުގައިވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިި މެޗު އެއްވަރު ވުމުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ލުބްނާނުގެ ދެ ޕެނަލްޓީ މިސްވިއެވެ. އިންޑިޔާއިން ހަތަރު ޕެނަލްޓީވެސް ކާމިޔާބު ކުރިއެވެ. ލުބްނާނުން މިސްވި ދެ ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ އިންޑިޔާގެ ކީޕަރު ގުޕްރީތު ސޭވް ކުރިއިރު، އަނެއް ޕެނަލްޓީ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

މި މުބާރާތުގެ ފައިނަލުން އިންޑިޔާ ފުރުސަތު ހޯދުމާއެކު ވިދިވިދިގެން ނުވަ ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން އިންޑިޔާއަށް ޖާގަ ލިބުނީއެވެ. އިންޑިޔާ ނެތި ސާފް ގެ ފައިނަލެއް އެންމެ ފަހުން ކުޅުނީ މީގެ 20 އަހަރު ކުރިންނެވެ. އެއީ 2003 ވަނަ އަހަރު ރާއްޖެއާ ބަންގްލަދޭޝް ކުޅުނު ފައިނަލެވެ. އޭގެ ފަހުން ކުޅުނު ކޮންމެ ފައިނަލެއްގައިވެސް އެއް ކޮޅުން އިންޑިޔާ ކުޅެއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އެވެ. އަންގާރަ ދުވަހުގެ ރޭ ފައިނަލުގައި ވާދަކުރާނީ އިންޑިޔާއާ ކުވައިތެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.