ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުކޮޅަށް ފަހަތުން އަރައި ބަންގަލްދޭޝް އިން 3 ގޯލް ޖަހައި ރާއްޖެ ބަލިކޮށްފިއެވެ.
ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ދަށް ކުޅުމެއް ފެނިގެންދާ ރާއްޖޭގެ ޓީމުން ވަނީ މިމެޗުގައި ފުރަތަމަ ގޯލްޖަހައި ލީޑު ނަގާފައެވެ. މެޗުގެ 17 ވަނަ މިޓުގައި އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައެއް އޭރިއާ ބޭރުގައި ހުރެ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ރާއްޖެއަށް ލީޑު ނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
ރާއްޖޭގެ ގޯލަށް ފަހު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ފުރުސަތުތަކެއް ހޯދީ ބަންގްލަދޭޝްއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 42 ވަނަ މިނިޓުގައި އެޓީމަށް ނަތީޖާ އެއްވަރު ކޮށްދިނީ ރާކިބް ހުސެއިންއެވެ. ދެވަނަ ހާފުގެ 67 ވަނަ މިނިޓުގައި ބަންގްލަދޭޝް އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ޑިފެންޑަރު ތާރިގް ކާޒީ އެވެ. އަދި 90 ވަނަ މިނިޓުގައި އެޓީމުގެ ތިންވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ޝޭހް މޮރްސަލީންއެވެ.
މިއީ ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕްގައި 20 އަހަރު ފަހުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ އެ ގައުމުގައި 2003 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެންނެވެ.
ރާއްޖެ އަތުން މިއަދު ހޯދި މޮޅާ އެކު ބަންގްލަދޭޝް އިން މިވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ އުންމީދު ބޮޑު ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭން ނުކުންނާނީ ލެބަނަން އާ ދެކޮޅަށެވެ. ރާއްޖޭން ސެމީ ފައިނަލްގެ ޖާގައެއް ހޯދަން ލެބަނަން އަތުން މޮޅުވުން މަޖުބޫރެވެ.
3 Responses
ބަންގާޅު ކުރިމަތީގައި ރާއްޖޭގެ ފެންވަރު ނުހިފެހެއްޓުނު. ޢަމިއްލައަށް ހެދި ގޯސް ރަނގަޅު ކުރަންޖެހެޭ!
ބަންގާޅު ކުރިމަތީގައި ރާއްޖޭގެ ފެންވަރު ނުހިފެހެއްޓުނު. ޢަމިއްލައަށް ހެދި ގޯސް ރަނގަޅު ކުރަންޖެހެޭ!
ރާއްޖެ ޓީމުގެ ފެންވަރު މީގެ 10 އަހަރު ކުރިޔަށްވުރެ ވެސް ދަށް.