އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ލަހުން ނަމަވެސް ނިންމި ނިންމުމަކީ ރަނގަޅަށް އެޅި ފިޔަވަޅެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސް ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މާދަމާ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
މިނިންމުމަށް މަރުހަބާ ދަންނަވައި ޝައިޚު އަލީ ޒައިދު ވިދާޅުވީ މިކަމަކީ ކުރަން ލަސްވެފައިވާ ކަމަކަށް ވީނަމަވެސް މިކަން ކުރުމަށް އެމްޑީޕީން ނިންމި ނިންމުމަކީ ރަނގަޅަށް އެޅުއްވި ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީސް ފެނިގެންދަނީ ބޮއްސުން ލާފައިވާ ތަނެއްގެ ގޮތުގައި ކަމަށްވާއިރު، އެތަން އިސްލާހު ކުރުމަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ޝައިޚު ވިދާޅުވިއެވެ.
ލަހުން ނަމަވެސް މަޖިލީހުގެ ނިޒާމު ހަރުދަނާ ކުރުމަށް އެމް.ޑީ.ޕީން ނިންމުމަކީ ރަނގަޅަށް އެޅޭ ފިޔަވަޅެއް ކަމުގައި ދެކެން! ބޮއްސުންލާފައިވާ ތަންތަނަށް އެކަށޭނަ ފިޔަވަޅު އެޅިގެންނޫނީ ކަމެއް އިޞްލާޙެއް ނުވާނެ!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ޝައިޚު ޒައިދު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާއި ޚިލާފް ކަންކަން ކޮށް ލާދީނީ ފިކުރު ފެތުރުމަށް ޖާގަ ނުލިބޭނެކަމަށެވެ. މަދު ބަޔަކު ބޭނުންވެގެން އެކަން ކުރުމަށް އުޅުނަސް އެކަމަކަށް ޖާގަ ނެތްކަމަށް ޝައިޚު ވިދާޅުވިއެވެ.
ލާދީނިއްޔަތު ދިވެހި ފަސްގަނޑުގައި ނުހިނގާނެ! އިސްލާމްދީނާ ދުރު ޚިޔާލުތަކާއި ފިކުރުތައް ރައްޔިތުން ބަލައެއް ނުގަންނާނެ! މަދު ބަޔަކު އެފަދަ ކަންކަމަށް ތަރުޙީބު ދިނަސް ގިނަ ދިވެހިންނަކީ އިސްލާމްދީންދެކެ ނުހަނު ލޯބިވާ ބައެއް! ލިވާތާއި، ރަލާ ޒިނޭފަދަކަންކަން ނޯމަލއިޒް ނުކުރެވޭނެ!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރައްވަން 44 ވޯޓު ބޭނުންވާނެއެވެ.
ކޮމެންޓު ފޮނުވާ