ވީއައިއޭއިން ކުރާ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި

ވީއައިއޭއިން ކުރާ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި

ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ އިން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމްކުރުމާ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެތެރޭގެ އުދުހުންތަކުގައި ފުރަން އަންނަ ދަތުރުވެރިން ޗެކްއިން ވުމަށް ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފިއެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ، މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިން ނެރުއްވާފައިވާ ސަރކިއުލަރގައިވާ ގޮތުގެމަތިން، އެތެރޭގެ އުދުހުންތަކުގައިވެސް ފުރަން އަންނަ ފަސިންޖަރުން ޗެކިންގ ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ) އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޗެކިން ކައުންޓަރުތަކުންވެސް ބަލައިގަންނާނެކަމުގައެވެ.

އެގޮތުން، އެއަރލައިން ޓިކެޓް ގަތުމަށާއި، އެއަރލައިން ޗެކިން ކުރުމަށާއި، އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީގެ އިތުރުން ތިރީގައި ބަޔާންކުރެވިފައިވާ މުއްދަތު ހަމަނުވާ ލިޔެކިޔުންތައް ބަލައިގަންނާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.

  • ޕާސްޕޯޓް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ޑިޖިޓަލް އައިޑެންޓިޓީ ކާޑު
  • ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު
  • ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑު
  • އެއަރޕޯޓް ސެކިއުރިޓީ ފާސް
  • ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް

އެމްއޭސީއެލްއިން ބުނެފައިވަނީ، ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޙިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރުކުރިއެރުމެއްކަމުގައެވެ.

ސަރުކާރުން ގާއިމްކުރާ މިފަދަ ނިޒާމްތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ދަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންކަމުގައި އެކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *