ރަސްމީ ދަތުރުފުޅެއްގައި މިހާރު އެމެރިކާގެ ވޮޝިންގޓަނަށް ވަޑައިގެން އުޅުއްވާ ރައްޔިތިންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގަންނަވާ މަގުމަތީގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ.
އަދި މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސްބައެއް ބޭފުޅުންނާއެކު ނަޝީދު މަޝްވަރާ ކުރައްވާނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުންކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އެހެންނަމަވެސް ނަޝީދުގެ މި އިންޑިއާ ދަތުރުފުޅާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުން އަދި އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.
ނަޝީދު އިންޑިއާއަށް މިވަޑައިގަންނަވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ރައީސް ސާލިހާއި ދެބޭފުޅުންގެ މެދުގައި ބޮޑުވެ، ނަޝީދު ގާސިމް އިބުރާހިމަށް ތާއީދު ކުރައްވަން ނިންމަވާފައި ވަނިކޮށެވެ.
އަދި ނަޝީދުއާއި ރައީސް ސާލިހާ ދެބޭފުޅުންނަކީވެސް އިންޑިއާއާއި ގާތް ގުޅުމެއް ބާއްވާ ދެބޭފުޅުންކަންވެސް ފާހަހަ ކޮށްލެވެއެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކި ބޭފުޅަކަށް ތާއީދުކުރާކަން އިންޑިއާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިންޑިއާއާއެކު ބާއްވަމުން އަންނަ ގުޅުނއ ވަރަށް ބޮޑުތަނުން ބަދަހިވެ، ރާއްޖޭގައި ކުރިޔަށް ގެންދާ ތަރައްގީގެ ގިނަ ޕްރޮޖެޓްތައް ކުރިޔަށް ގެންދަނީ އިންޑިއާގެ އެހީތެރިކަމުގައެވެ.