ދައުލަތުން މަސްތުވާތަކެރީގެ ވިޔަފާރީގެ ތެރެއަށް ވަދެފައިވާކަމަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތްކަމަށް ވިދާޅުވެ، ދާދިފަހުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ވަކިކުރެއްވި ޙުސައިން އަމްރު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓްވިޓެއްގައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ނުދެވި، އެތަކެތި ތާއްޖެއަށް އެތެރެވާ 2 ދޮރު ތަންމިނަށް ހުޅުވާފައި އޮތްކަމަށެވެ. އަދި މިހެން މިކަން އޮތުމާއެކު ފާއިތުވެގެންދާ ކޮންމެ ދުވަހަކީވެސް ޖީލެއް ހަލާކުވެގެންދާ ދުވަހެއް ކަމަށް އަމްރު ވިދާޅުވިއެވެ.
ދައުލަތުން ޑްރަގް ވިޔަފާރިއަށް ވެދެފަވާ ކަމަށް ތުހުމަތު ކުރެވޭ ޖާގަ އެބައޮތް.
ބޯމީހުނަށް ފަރުވާ ނުދެވި އެތެރެކުރެވޭ 2 ދޮރޯށި ތަންމިނަށް ހުޅުވާފަ އޮތް ކޮންމެ ދުވަހަކީ ޖީލެއް ހަލާކުވެގެންދާނެ ކަމެއް. https://t.co/nNt7NqfCg8— Amr 🎈 (@HusenAmr) April 5, 2023
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. ރާއްޖެއަށް އާންމުކޮށް މަސްތުވާތަކެތި އެތެރެކުރަނީ އެއިޑްސް އާއި ކިޑްނީގެ ބަލިތައް ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށް މިނިސްޓަރ މާރިޔާވަނީ އިއްޔެ ވިދާޅުވެފައެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އަންނަނީ ފަރުވާއެއް ނެތް ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުން އަންނަ މީހުންކަމަށެވެ. އެފަދަ މައްސަލަތަކުގައި ބައެއް ބޮޑެތި ބަލިމީހުން މިހާރުވެސް ޖަލުގައި އެބަތިބިކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އެމީހުން ޖަލުގައި ބެހެލެހެއްޓުމަށް ދައުލަތުން ބޮޑު ހޭދައަކާއި މަސައްކަތެއް ކުރަންޖެހޭކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ