ޕުޓިންއަށް ގޮންޖަހާ، ފިންލޭންޑަށް ނޭޓޯގެ މެމްބަރުންކަން ދީފި

ޕުޓިންއަށް ގޮންޖަހާ، ފިންލޭންޑަށް ނޭޓޯގެ މެމްބަރުންކަން ދީފި

Author
ހުސެއިން
04 އޭޕްރިލް 2023 09:03
0

ފިންލޭންޑަކީ ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި އެޖަމާއަތުން ރަސްމީކޮށް ބަލައިގެންފިއެވެ.

ދުނިޔޭގައި މިވަގުތުއޮތް، ގައުމުތަކުގެ ސަލާމަތާއި ގުޅޭ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ނޭޓޯއާއި ފިންލޭންޑް ގުޅިފައިވަނީ، އެޖަމާއަތުގެ މެމްބަރޝިޕް ހޯދުމަށް ޔޫކުރެއިން ކުރަމުންދިޔަ މަސައްކަތްތަކާއި ގުޅޭގޮތުން ނުރުހުންވެ ރަޝިއާއިން އަވަށްޓެރި ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކާއެކު ހިގަމުންދާ ހުގުރާމަ ކުރިޔަށްދާތާ އަހަރަކަށްވުރެ ގިނަދުވަސް ވެގެން ގޮސްފައިވަނިކޮށެވެ.

އަދި ރަޝިއާގެ ވަށައިގެންވާ ގައުމުތައް ނޭޓޯއާއި ގުޅުމަކީ އެގައުމުން ދެކޮޅުހަދާނެކަމެއްކަން ރަޝިއާއިންވަނީ މީގެކުރިންވެސް ބުނެފައެވެ.

ފިންލޭންޑަކީ ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި ހަމެޖެހިގެން ދިއުމާގުޅިގެން، ފުރަތަމަ ފަހަރަށް އެގައުމުގެ ދިދަވަނީ، ބްރަސަލްސްގައި ހުންނަ ނޭޓޯގެ ހެޑްކުއާޓަރުގައި ވިހުރެން ފަށާފައެވެ. ފިންލޭންޑަށް ނޭޓޯގެ މެމްބަރުކަން ލިބިފައި މިވަނީ، އެގައުމުން އެ ޖަމާއަތުގެ މެމްބަރަކަށް ވުމަށް އެޕްލިކޭޝަން ހުށަހެޅިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

ފިންލޭންޑުން ނޭޓޯއާއި ރަސްމީކޮށް ގުޅުމާއެކު، ނޭޓޯގެ ސެކެޓްރީޖެނަރަލް ޖެންސް ސްޓޮލްޓެމްބާގު ވިދާޅުވެފައިވަނީ، މި ގުޅުމުގެ ސަބަބުން "ފިންލޭންޑަކީ ސަލާމަތްތެރި، އިތުރަށް ވަރުގަދަ ގައުމަކަށް ވެގެންދާނެ" ކަމަށެވެ. "މިއީ ނޭޓޯގެ ތާރީޚުގައިވެސް މިޖަމާއަތާއި އެންމެ ކުރު މުއްދަތެއްގައި ގައުމަކުން ގުޅުނު ފަހަރު." އޭނާ ވިދާޅުވެފައި ވެއެވެ.

ރަސްމީކޮށް ނޭޓޯއާއި ގުޅުމަށްފަހު ފިންލޭންޑުގެ ރައީސް ސައުލީ ވައިނަމާއޯ ނިނިސްޓޯ ވިދާޅުވެފައިވަނީ އެގައުމުގެ މެމްބަޝިޕަކީ އެއްވެސް ގައުމަކަށް އަމާޒު ކުރެވިފައިވާ މެމްބަރޝިޕެއް ނޫންކަމަށެވެ.

ސުވިޑްންއަކީވެސް ފިންލޭންޑާއެކު ނޭޓޯއާއި ގުޅުމަށް އެޕްލިކޭޝަން ހުށެހެޅި އެއް ގައުމެވެ. އެހެންނަމަވެސް ތުރުކީގެ ދެކޮޅު ހެދުމާއެކު ސުވިޑްންއަށް އަދިވަނީ ނޭޓޯއާއި ގުޅުމުގެ ފުރުސަތު ނުލިބިފައެވެ. ނޭޓޯގެ ޗާޓަރުގައި ވާގޮތުން، ފިންލޭންޑް ހިމެނޭގޮތުން މިހާރު 31 ގައުމުގެ މައްޗަށް އެކުލެވިފައިވާ އެޖަމާއަތާއި އެއްވެސް ގައުމަކަށް ގުޅެވޭނީ އެ ޖަމާއަތުގެ ހުރިހާ ގައުމެއްގެވެސް ރުހުން އޮވެގެންނެވެ.

ފިންލޭންޑާއި ސުވިޑްއަކީ ނޭޓޯއާއި ގުޅުމަށް މީގެކުރިން ދެކޮޅު ހަދަމުންއައި ދެގައުމު ނަމަވެސް، ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން، މިދެގައުމު ނޭޓޯއާއި ގުޅުމަށް އާންމުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ތާއީދު އިތުރުވެފައެވެ.

ފިންލޭންޑާއި ސުވިޑްންއަކީ ނޭޓޯއާއި އެންމެ ގާތްކަން ބާއްވަމުންދާ ދެގައުމެވެ.

މިދެގައުމަކީ ޑިމޮކްރަސީގެ ވެރިކަން އޮތް، އަދި ޒަމާނީ ހަތިޔާރުތަކާއިއެކު އުފެދިފައި އޮތް އަސްކަރިއްޔާ އޮތް ދެގައުމަށް ވާއިރު، ފާއިތުވެދިޔަތަނުގައި މިދެގައުމަންވަނީ ނޭޓޯގެ އަސްކަރީ އޮޕަރޭޝަންތަކަަށް އެހީތެރިކަންވެސް ފޯރު ދީފައެވެ.

ފިންލޭންޑަކީ، އެގައުމުގެ 1،340 ކިލޯމީޓަރުގެ ބޯޑަރު ރަޝިއާއާއި ހިއްސާކުރަމުންދާ ގައުމެކެވެ. ރަޝިއާއި އިންވެގެންވާ ގައުމުތައް ނޭޓޯއާއި ނުގުޅުމަށް ރަޝިއާއިން އިންޒާރުދެމުން ދަނިކޮށް، ފިންލޭންޑަށް ނޭޓޯގެ މެމްބަރުކަން ދިނުމުން، މި ނިންމުން ގިނަބަޔަކު ސިފަކުރަމުންދަނީ، ރަޝިއާގެ ސިޔާސަތަށް ލިބިގެންދިޔަ ބޮޑު ނާކާމިޔާބެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.