އިންޑިއާގެ އިދިކޮޅު ލީޑަރ ރާހޫލް ގާނދީގެ ގޮނޑި ގެއްލިއްޖެކަމަށް އެގައުމުގެ ގާނޫނުހަދާ މަޖިލިހުން ނިންމުމާއެކު، 2004 ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅުއްވަމުން ގެންދެވި ސަރުކާރު އިމާރާތް ހުސްކުމަށް ގާނޫނުހަދާ މަޖިލީހުން ނޯޓިސް ފޮނުވައިފިއެވެ.
އިންޑިއާގެ ގާނޫނުހަދާ މަޖިލިސް، ލޮކް ސަބާގެ މެމްބަރުކަމުން އޭނާ ވަކިވެފައިވާކަމަށް ނިންމިތާ ދެދުވަސްފަހުން، ގާނޫނުހަދާ މަޖިލިހުން އޭނާއަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ އަންނަ އެޕްރިލްމަހުގެ 12 ވަނަ ދުވަހުގެ ކުރިން އޭނާ ދިރިއުޅުއްވަމުން ގެންދަވާ، ޓުގްލާކް ލޭން، 12 ގައި ހުންނަ ބަގަލޯ ހުސްކުރަނަ ްޖެހޭނަ ކަމުގައެވެ. މި އިމާރާތް ހުސްކުރުމަށް ރާހޫލް ގާނދީއަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.
މިއީ ރާހޫލް ގާނދީ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާތާ 4 ވަނަ ދައުރެވެ. އޭނާ އެންމެ ފުރަތަމަ ލޮކް ސަބާއަށް އިންތިޚާބުވީ އުއްތަރަ ޕްރަދޭޝްގެ އަމެތީ ދާއިރާގެ މެމްބަރުގެ ގޮތުގައި 2004 ވަނަ އަހަރުއެވެ.
އެހެންނަމަވެސް 2019 ވަނަ އަހަރު އަމެތީ ދާއިރާގެ ގޮނޑި، މޯޑީ ސަރުކާރުގެ ޔޫނިއަން މިނިސްޓަރ ސްމިރުތީ އިރަނިއާއި ވާދަކޮށް ރާހޫލް ގާނދީއަށް ގެއްލުނު ނަމަވެސް އޭނާއަށް ވަނީ ކެރެލާގެ ވަޔަނާދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިފައެވެ.
މި މާރރިޗްމަހުގެ 23 ވަނަ ދުވަހު އިންޑިއާގެ ކޯޓަކުން ވަނީ، މިހާރުގެ ބޮޑުވަޒީރު މޯޑީގެ އަބުރުފުޅާއި ބެހުމުގެ ކުށް ސާބިތުވެ ރާހުލް ގާނދީ 2 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. އިންޑިއާގެ ގާނޫނުތައް ބުނާގޮތުން 2 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެއް އިންޑިއާގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރެއްގެ މައްޗަށް އަތުވެއްޖެނަމަ އެމެމްބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
ރާހޫލް ގާނދީ ދިރިއުޅެއްވަމުން ގެންދެވި ދައުލަތުގެ އިމާރާތް ހުސްކުރުމުގެ ނޯޓިސް އޭނާއަށް ފޮނުވާފައިވަނީ ގާނޫނުހަދާ މަޖިލިހުގެ ހައުސިންގ ކޮމިޓީންނެވެ.
އިންޑިއާގެ ސީނިއަރ ބައެއް އޮފިޝަލުންނާއި ހަވާލާދީ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އިމާރާތުގައި ދިރިއުޅޭ މުއްދަތު އިތުރުކުރުމަށް ރާހޫލް ގާނދީއަށް ހައުސިން ކޮމިޓީގައި އެދެވިދާނެއެވެ. އެހެންނަމަވެސް އެފަދަ ހުށަހެޅުމަކާމެދު ގޮތް ނިންމާނީ ޚާއްސަ ޕެނަލްއަކުންނެވެ.
ރާހޫލް ގާނދީގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމާއި ގުޅިގެން، ކޮންގްރެސް ޕާޓީގެ މެމްބަރުން އެންމެ ފަހުން އޮތް ގާނޫނުހަދާ މަޖިލިހުގެ ޖަލްސާއަށް ވަޑައިގެންފައިވަނީ ކަޅު ކުލައިގެ ހެދުމުގައެވެ.