ޕާކިސްތާންގެ ފުލުހުން، އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމަށް، ލާހޫރުގައި ހުންނާ އޭނާގެ ގެއަށް ދިއުމުން، އިމްރާން ޚާން ފުލުހުންނަށް ފިލާފައިވަނީ އޭނާގެ ގޭގެ ފާރުމަތިން ޖެހިގެން ހުރި ގޭގެ ގޯތިތެރެއަށް ފުންމާލައިގެން ކަމުގައި ޕާކިސްތާންގެ އިންޓީރިއަރ މިނިސްޓަރު ރަނާ ސަނާއުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ޚާން ފާރުމަތިން ފުންމާލައިގެން ފުލުހުންނަށް ފިލާފައިވާކަމަށް އިންޓީރިއަރ މިނިސްޓަރު ވިދާޅުވެފައިވަނީ، އޭނާ ހައްޔަރު ކުރުމަށް މި ހަފްތާގެ އާދީއްތަ ދުވަހު ފުލުހުން އިމްރާން ޚާން ދިއިރުޅުއްވާ ގެއަށް ދިޔަނަމަވެސް، އޭނާގެ ތެހްރީކް-އޭ-އިންސާފް ޕާޓީން އޭނާ ގޭގައި ނޫޅުއްވާކަމަށް ފުލުހުންނަށް މައުލޫމާތު ދީފައި ވަނިކޮށެވެ.
"އިއްޔެ އިމްރާން ޚާން ހައްޔަރު ކުރުމަށް ދިޔަ ޓީމަށް ވަނީ އެތަކެއް ޑްރާމާއަކާއި ކުރިމަތިލާން ޖެހިފަ. ބައެއް މީހުން ބުނެފައިވަނީ، ފުލުހުންނަށް ފިލަން އޭނަ ފާރުމަތިން ފުންމާލާފައިވަނީ ޖެހިގެން ހުރި ގޭގެ ގޯތިތެރެއަށް ކަމަށް. އެއަށްފަހު ކޮންމެވެސްތަނަކުން ނިކުމެ އޭނާވަނީ ބޮޑު ތަގުރީރެއް ދީފަ،" ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ސަނާއުﷲ ވިދާޅުވިއެވެ.
ސަނާއުﷲ ވިދާޅުވީ މިއީ ފުލުހުންގެ ހައްޔަރަށް ނުދިއުމަށް ބޭނުންކުރާންވީ އެންމެ ރަގަޅު ސްޓްރަޓަޖީއެއް ނޫކަމަށެވެ.
"ފުލުހުން އޭނާގެ ގެއަށް ދިޔައީ ކޯޓު އޯޑަރެއް ހިފައިގެން. އެހެންނަމަވެސް އޭނާގެ އެއްވެސް ލަދުވެތިކަމެއް ނެތް."
ސަނާއުﷲ ވިދާޅުވީ މުވައްސަސާތަކުން ބޭނުން ވަގުތެއްގައި އިމްރާން ޚާން ހައްޔަރުކޮށް، އިންސާފުގެ ކުރިމަޗަށް ހާޒިރުކުރުމަށް ފަސް ނުޖެހޭނެ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އިމްރާން ޚާންވަނީ މަގާމުގެ ބޭނުން ނުހަމަ ގޮތުގައި ކޮށްފައިކަމުގައެވެ.
"ކޯޓުން އޭނާ މިނިވަން ކޮށްފިނަމަ، އަރެމެންވެސް އެފަދަ ނިންމުމެއް ބަލައިގަންނާނަން،" ސަރުކާރުން އިމްރާން ޚާން ހައްޔަރު ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ވިދާޅުވަމުން ސަނާއުﷲ ވިދާޅުވިއެވެ. އެހެންނަމަވެސް އިމްރާން ޚާން ކޯޓަށް ހާޒިރުވެ ޖަވާބުދާރީވާން ޖެހޭނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.