އައްޑޫ ސިޓީއާއި މާލެއާ ދެމެދު ދަތުރުކުރާ އާގަލާ ބޯޓުގައި ރޭ ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ބޯޓުން ގެއްލިލުނު މީހާ ހޯދުމަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަލަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އާގަލާ ބޯޓޫން ގެއްލިގެން ހޯދަމުންއަންނަނީ އިންޑިއާގެ ރައްޔިތެކެވެ. މިހާތަނަށް ކުރި މަސައްކަތުން އަދި އޭނާ ފެނިފައެއް ނުވެއެވެ.
އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި އާގަލާ ބޯޓުގައި އަލިފާން ރޯވެ ޙާލުގައި ޖެހުނީ މ.ތުވަރު ކައިރިން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ބޯޓުގައި އަލިފާން ރޯވުމުން އޭގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އެއާއެކު އޭގެ ތެރެއިން އެކަކު ވަނީ ގެއްލިފައެވެ.
ބޯޓުގައި ތިބީ ޖުމުލަ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހަކާއި ބަންގްލަދޭޝްގެ ފަސް މީހެކެވެ. 14 މީހަކު އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށް މ.މުލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އާގަލާ ބޯޓުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 2:47 ކަންހާއިރުއެވެ.