އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސްޓެމް ފެއާގެ އެންމެ މޮޅު ސްކޫލުގެ މަގާމު އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ.
މިއީ ސްޓެމްގެ މާއްދާތަކަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އުރީދޫއިން އިސްނަގައިގެން ކުރިއަށްގެންދާ ފެއާރއެކެވެ.
ހަތް ސްކޫލަކުން ބައިވެރިވި މި ފެއާގެ އެއް ވަނަ އިސްކަންދަރުން ހޯދައިފައިވަނީ ފެއާއަށް ކަނޑައެޅި ތިން އުމުރުފުރާއިން ވެސް ގިނަ ވަނަތަކެއް ހާސިލުކޮށްގެންނެވެ.
އެންމެ ހަގު އުމުރުފުރާއިންނާއި އެންމެ ދޮށީ އުމުރުފުރާއިން އެއް ވަނަ އެ ސްކޫލުން ހޯދިއިރު، އެންމެ ހަގު އުމުރުފުރާއިންނާއި މެދު އުމުރުފުރާ އަދި އެންމެ ދޮށީ އުމުރުފުރާއިން ވެސް ދެ ވަނަ ހޯދައިފައި ވަނީ އިސްކަންދަރު ސްކޫލުންނެވެ.
އޭގެ ތެރެއިން އެންމެ ހަގު އުމުރުފުރާގެ ދެ ވަނަ ތިން ޕްރޮޖެކްޓަކަށް ލިބުނެވެ. އެއީ ދެ އިސްކަންދަރު ސްކޫލުން ތައްޔާރު ކުރި ދެ ޕްރޮޖެކްޓާއި މަޖީދިއްޔާ ސްކޫލުން ތައްޔާރު ކުރި ޕްރޮޖެކްޓެކެވެ.
ސްޓެމް ފެއާގެ އެއްވަނައަށް އރީދޫ މޯލްޑިވްސްއިން ހުށަހަޅާފައި ވަނީ 50،000ރ. ގެ ފައިސާގެ އިނާމެވެ. އެ އިނާމު އިސްކަންދަރު ސްކޫލުގެ ކެޕްޓަނާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ އެވެ.
އިސްކަންދަރު ސްކޫލުގެ އިތުރުން ދެން އެންމެ ގިނަ ވަނަ ހާސިލު ކޮށްފައި ވަނީ ގިޔާސުއްދީން ސްކޫލުންނެވެ. އެ ސްކޫލަށް ދެ އުމުރުފުރާއަކުން ޖުމްލަ ތިން ވަނައެއް ލިބުނެވެ.
ސްޓެމް ފެއާގެ ތިން އުމުރުފުރާގެ ވަނަތައް:
ނޮވިސް ކެޓެގަރީ (އެންމެ ހަގު އުމުރުފުރާ)
- އެއްވަނަ: އީކޯ ފާމް – އިސްކަންދަރު ސްކޫލް
- ދެވަނަ: ވޭސްޓު އިލެކްޓުރިކްސިޓީ، އެއާ ޕޮލިއުޝަން ޑިޓެކްޓާ – އިސްކަންދަރު ސްކޫލް އަދި ބައިސިކަލް އޮޕަރޭޓެޑް ވެންޑިން މެޝިން – މަޖީދިއްޔާ ސްކޫލް
- ތިންވަނަ: ސޯލާ ޑީހައިޑުރޭޓް – ގިޔާސުއްދީން ސްކޫލް
ޖޫނިއާ ކެޓެގަރީ (މެދު އުމުރުފުރާ)
- އެއްވަނަ: ވޭވް ބެރިއާ – ގިޔާސުއްދީން ސްކޫލް
- ދެވަނަ: އޮއިވަށި – އިސްކަންދަރު ސްކޫލް
- ތިންވަނަ: މޮޑަނައިޒްޑް ޒިބްރާ ކްރޮސިން – ކަލާފާނު ސްކޫލް އަދި ވޭވް އެނާޖީ ބޮއި – ގިޔާސުއްދީން ސްކޫލް
ސީނިއާ ކެޓެގަރީ (ދޮށީ އުމުރުފުރާ)
- އެއްވަނަ: އެކުއަޕޯނިކްސް – އިސްކަންދަރު ސްކޫލް
- ދެވަނަ: މަންފާ – އިސްކަންދަރު ސްކޫލް
- ތިންވަނަ: ކޮކޮނަޓް ސައިންސް – މަޖީދިއްޔާ ސްކޫލް އަދި އިލެކްޓުރިކްސިޓީ ފްރޮމް ފްލައި ވީލް – ކަލާފާނު ސްކޫލް
ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން އިންޖިނިއަރިން އަދި މެތަމެޓިކްސް ބޭނުންކޮށްގެން ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބާރުއެޅުމަށާއި ސްޓެމް މާއްދާތައް ތަޖުރިބާކުރުމަށް ދަރިވަރުންނަށް ތައުލީމީ ތަޖުރިބާއެއް ހޯދައިދިނުމަށް އުރީދޫއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ފެއާއަށް ވަރަށް އީޖާދީ ޕްރޮޖެކްޓުތައް ދަރިވަރުން ތައްޔާރުކޮށްފައިވެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފެެއާއަކީ އެޑިއުކޭޝަން މިނިސްޓަރީ އާއި ވިމެން އިން ޓެކް ގުޅިގެން ކުރިއަށް ގެންދިޔަ ފެއާ އެކެވެ.
ސްޓެމް ފެއާއަކީ މީގެ ދަހަރުތަކެއް ކުރިން ބާއްވަމުން އައި ސައިންސް ފެއާއަށްފަހު ބޭއްވި މިފަދަ ފުރަތަމަ ފެއާރއެވެ.
އެ ފެއާރ ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އުރީދޫ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒު ވިދާޅުވީ އެ ފެއާ ބޭއްވުމުގެ މަގުސަދު ހާސިލުވެއްޖެ ކަމަށާއި ކޮންމެ އަހަރަކު ވެސް މި ފެއާ އަދި މިއަށްވުރެ މާ ފުރިހަމައަށް ބާއްވަމުން ގެންދާނެ ކަމަށެވެ.